ކުރުމުއްދަތުގެ ދަތުރުތަކަށް މާލެއިން ރަށްރަށަށް ދާ މީހުންގެ ކޮވިޑް ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފި އެވެ.

ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލު ގެނެސް އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ޒަރޫރީ މަސައްކަތަކަށް ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދާން ޖެހޭ ފަރާތްތަކުން 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުން މިއަދުން ފެށިގެން އުވާލާފައިވާ ކަމަށެވެ.

ކަރަންޓީނު ނުވެ މާލެއިން ރަށްރަށަށް ދިޔުމުގެ ހުއްދަ އެޗްޕީއޭއިން ދެމުން އަންނަނީ ރަށްރަށުގައި އެކި އެކި ހިދުމަތްތައް ދިނުމަށާއި މަޝްރޫއުތަކުގެ މަސައްކަތްތައް ހިންގުމަށް ރަށަކަށް ދާން ޖެހޭ ފަރާތްތަކަށް އެކަންޏެވެ.

މި ބަދަލާއެކު ކުރުމުއްދަތުގެ ދަތުުރުތަކަށް މާލެއިން އަތޮޅުތެރެއަށް ދާންޖެހޭ ފަރާތްތަކުން ދެން ކޮވިޑް ޓެސްޓް ހަދާކަށް ނުޖެހޭނެ އެވެ. ނަމަވެސް މިގޮތަށް ދަތުރުކުރާ ފަރާތްތަކުން ގައިޑްލައިންތަކަށް ތަބައަ ވުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރަމުން ބުނީ، ގައިޑްލައިންތަކާ ހިލާފުވަނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ދަތުރުކުރާ ފަރާތްތަކުން ޕިސީއާރު ނެގެޓިވް ޓެސްޓުގެ ނަތީޖާ ހުށަހަޅަން ނުޖެހޭގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް ނެގެޓިވް ނަތީޖާ އަކާއެކު ދަތުރު ކުރެވޭގޮތަށް ބަދަލު ގެނައީ މިމަހުގެ ދެވަނަ ދުވަހު އެވެ. އާންމުން ރަށްރަށަށް ގޮސް ކަރަންޓީނުވާން ޖެހޭއިރު މިގޮތަށް ދަތުރު ކުރާ މީހުންނަށް އެ އުސޫލު ނުހިނގާތީ އާންމުންގެ ފާޑުކިޔުންތައް މީގެ ކުރިން އެޗްޕީއޭ އަށް ވަނީ އަމާޒުވެފަ އެވެ.