25 Jan 2012, 13:22
ތައިލޭންޑްގެ ކުންފުންޏެއް ކަމަށްވާ ޑުސިޓް އިންޓަނޭޝަނަލް އިން އިންޑިއާ ކަނޑުގައި ހުޅުވާ ފުރަތަމަ ރިސޯޓް އަންނަ ފެބްރުއަރީ މަހުގެ ކުރީކޮޅުގައި ރާއްޖޭގައި ހުޅުވާނެ ކަމަށް ބައިނަލްއަގުވާމީ ނޫހަކުން ބުނެފި އެވެ.
ގްލޯބަލް ޓްރެވެލް އިންޑަސްޓްރީ ނިއުސް އިން ލިޔެފައިވާ އާޓިކަލްއެއްގައި ބުނެފައި ވަނީ ތައިލޭންޑްގެ މަޝްހޫރު ކުންފުނިން އިންޑިއާ ކަނޑުގައި ހުޅުވާ ފުރަތަމަ ރިސޯޓު، "ޑުސިޓް ތާނީ މޯލްޑިވްސް" އަންނަ ފެބްރުއަރީ ހަ ވަނަ ދުވަހު ހުޅުވަން ނިންމާފައިވާ ކަމަށާއި އެ ރިސޯޓު ވެގެންދަނީ ބައިނަލްއަގުވާމީ ޓޫރިޒަމް އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ބްރޭންޑް ނަން "ޑުސީޓް" އަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ.
ބ. މުއްދޫގައި ހަދަމުންދާ "ޑުސިޓް ތާނީ މޯލްޑިވްސް"އަކީ ރާއްޖޭގައި ވެސް ފާހަގަކޮށްލެވޭ ރިސޯޓެކެވެ. ޑުސީޓް އިންޓަނޭޝަނަލް އިން އިންޑިއާ ކަނޑުގައި ހުޅުވާ ފުރަތަމަ ރިސޯޓުގެ އިތުރުން އެ ރިސޯޓަކީ ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ސްވިމިން ޕޫލް ވެސް ހިމެނޭ ރަށެވެ. ހަތް ސަތޭކަ ފަންސާސް މީޓަރުގެ އެ ޕޫލަކީ އެ ރިސޯޓުގެ "ސެންޓާ ޕީސް" ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
ވަށައިގެން ގުދުރަތީ މުއްސަދިކަން އިންތިހާ އަށް ލިބިގެންވާ އެ ރަށަކީ ޔުނެސްކޯގެ ވޯލްޑް ބަޔޮސްފިއާ ރިޒާވްގައި ވެސް ހިމެނޭ ރަށެކެވެ.