ކޮވިޑް ޓެސްޓުގެ ނެގެޓިވް ނަތީޖާއަކާ އަކާއެކު ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންނަށް ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރަން ދެވޭނެ ގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުސޫލަށް ބަދަލު ގެނެސްފި އެވެ.

ކޮވިޑަށް ފަހު ރިސޯޓްތައް ހުޅުވިއިރު ދިވެހިންނާއި ވޯކް ވިސާގައި މަސައްކަތް ކުރާ ބިދޭސީންނަށް ރިސޯޓްތަކަށް ދިޔުން އޮތީ މަނާކޮށްފަ އެވެ.

ކޮވިޑް 19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލު ގެނެސް އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނުގައި ބުނީ ހުއްދަ ލިބިގެން ކުރު މުއްދަތުގެ މަސައްކަތްތަކަށް ރިސޯޓުތަކަށް ދަތުރުކުރާ މީހުންނާއި ލޯކަލް ޓޫރިސްޓުންގެ ގޮތުގައި ރިސޯޓުތަކަށް ޗުއްޓީއަށްދާ ފަރާތްތަކުން ދަތުރަށް ފަށާއިރު 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އެއް އޮތްނަމަ ރިސޯޓަށް ދެވޭނެ އެވެ.

މިގޮތަށް ރިސޯޓުތަކަށް ދަތުރުކުރާ ފަރަތްތަކުގެ ހުރުމާއި ކެއުން ހަމަޖެހިފައި ހުންނަންވާނީ، ރިސޯޓު މުވައްޒަފުންނާއި ވަކިން ކަމަށް ވެސް އެޗްޕީއޭގެ އުސޫލުގައިވެ އެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެފަދަ ފަރާތްތަކުން އަމަލުތައް ބެހެއްޓުމަށް ވެސް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފަ އެވެ.

މިގޮތަށް ރިސޯޓުތަކަށް ދަތުރު ކުރާ ފަރާތްތަކުން މާލެ ސަރަހައްދު ފިޔަވައި އެހެން ރަށަކަށް ދާނަމަ، 10 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.