16 Dec 2020, 10:16
ދިވެހިރާއްޖެއިން ކިންގްޑަމް އޮފް އެސްވަތީނީ (ކުރީގެ ސްވާޒިލޭންޑް) އާއެކު ހާރިޖީ ގުޅުން ގާއިމްކޮށްފި އެވެ.
ހާރިޖީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ނިއުޔޯކްގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން އެވެ. އެސްވަތީނީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މެލޫސީ މާޓިން މަސޫކޫ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ގައުމާ އެކު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމާއެކު ދެގައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ބައިނަލްއަގުވާމީ މަސްރަހުގައި އެކުގައި މަސައްކަތްކުރުމަށް މަގުވަހިވެގެން ދާނެ ކަމަށެވެ.
އެސްވަތީނީއާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމުން، ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކުގެ އަދަދު 175 އަށް އެރީ އެވެ.
އެސްވަތީނީ އަކީ އެފްރިކާގެ ދެކުނުގައި، މޮޒަމްބީކްއާއި ދެކުނު އެފްރިކާ އާއި އިންވެގެން އޮންނަ، 1.1 މިލިއަން މީހުންގެ އާބާދީއެއްގެ ގައުމެކެވެ.
ފޮރިން މިނިސްޓްރީން ބުނީ ދޭދޭ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް އިހްތިރާމްކުރާ އަދި އޭގެ އަގު ވަޒަންކުރާ ގައުމުތަކާއެކު ގުޅުން ގާއިމްކުރުމަކީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި އިސްކަމެއް ދޭ ކަމެއް ކަމަށެވެ.