16 Dec 2020, 08:13
ވޮޝިންޓަން (ޑިސެމްބަރު 16): އެމެރިކާގެ ސެނެޓުގެ މެޖޯރިޓީ ލީޑަރު އަދި ރިޕަބްލިކަން ޕާޓީގެ އިސް މެމްބަރެއް ކަމަށްވާ މިޗް މެކޮނެލް އެގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެންއަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިހާބުން އަދިވެސް ބަލި ގަބޫލު ނުކުރެއްވި ނަމަވެސް މެކޮނެލް ބައިޑެންއަށް މަރުހަބާ ވިދާޅުވީ އެގައުމުގެ އިލެކްޓޯރަލް ކޮލެޖުގެ ވޯޓަށް ފަހުގަ އެވެ. އެ ވޯޓުގައި ބައިޑެންއަށް 306 އިލެކްޓަރުންގެ ތާއިދު ލިބުނު އިރު ޓްރަމްޕަށް ތާއިދު ކުރީ 232 އިލެކްޓަރުންނެވެ.
އެހެންކަމުން މެކޮނެލް ވަނީ ބައިޑެންގެ އިތުރުން އޭނާގެ ނައިބު ރައީސްކަން ކުރައްވާނެ ކަމަލާ ހެރިސްއަށްވެސް މަރުހަބާ ވިދާޅުވެފަ އެވެ.
"މިއަދު އަޅުގަނޑު ބޭނުން ރައީސް ކަމަށް އިންތިހާބުވެފައިވާ ޖޯ ބައިޑެންއަށް މަރުހަބާ ދަންނަވަން. އަދި މި ގައުމަށް އަންހެން ނައިބު ރައީސަކު އިންތިހާބުވެފައިވާތީ އެމެރިކާގެ ހުރިހާ ރައްޔިތުންވެސް ފަހުރުވެރި ވާނެ،" މެކޮނެލް ވިދާޅުވި އެވެ.
އޭގެ ފަހުން ބައިޑެން ވަނީ މެކޮނެލްއާ ފޯނުން ވާހަކަ ދެއްކެވި ކަމަށާއި ދެ ބޭފުޅުން ބައްދަލު ކުރައްވަން އެއްބަސްވެވަޑައިގެންނެވި ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާގައި މިދިޔަ މަހުގެ ތިނެއްގައި ރިޔާސީ އިންތިހާބާ އެކު އެގައުމުގެ ކޮންގްރެސްއަށް ބައެއް މެމްބަރުން ހޮވުމަށް ވެސް ވޯޓު ނެގި އެވެ. އެގޮތުން ކޮންގްރެސްގެ ތިރީގޭގެ 435 މެމްބަރުންނާއި ސެނެޓުގެ 100 ގޮނޑީގެ ތެރެއިން 35 ގޮނޑިއަކަށްވެސް ވޯޓުލި އެވެ. އަދި މިދިޔަ ދައުރެކޭ އެއްގޮތަށް މި ފަހަރުވެސް ތިރީގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓިކް ޕާޓީން ހޯދި އިރު ސެނެޓުގެ ކޮންޓްރޯލް އޮތީ ރިޕަބްލިކަން ޕާޓީއަށެވެ.
ނަމަވެސް އަންނަ މަހުގެ ފަހެއްގައި ސެނެޓުގެ ދެ ގޮނޑިއަކަށް މެމްބަރުން ހޮވުން އޮންނާނެ އެވެ. އަދި އެ ދެ ގޮނޑި ޑިމޮކްރެޓިކް ޕާޓީން ކާމިޔާބު ކޮށްފި ނަމަ ސެނެޓުގައި ތިއްބަވާ ދެ ޕާޓީގެ މެމްބަރުންގެ އަދަދު އެއްވަރު ވާނެ އެވެ. އެ ހާލަތުގައި ސެނެޓުގައި ވޯޓެއް ނަގާ އިރު ނަތީޖާ އެއްވަރުވެއްޖެ ނަމަ ނައިބު ރައީސަށް ވޯޓުގައި ބައިވެރިވެވޭނެ އެވެ.
އެމެރިކާގެ އިލެކްޓޯރަލް ކޮލެޖުން ބައިޑެންގެ ކާމިޔާބީ ކަށަވަރު ކުރި ނަމަވެސް ޓްރަމްޕް އަދިވެސް ގެންދަވަނީ ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ.