ކޮވިޑް19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ވަޅުލަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ތާއީދުކޮށްފި އެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން ސްރީލަންކާއިން މަރުވާ މީހުން ވަޅުނުލައި، އެގައުމުގެ މުސްލިމުންގެ ނުރުހުމުގައި ސަރުކާރުން އަންނަނީ މުސްލިމުންގެ ހަށިގަނޑުތައް އަންދަމުންނެވެ. މިކަމާމެދު ލަންކާ މުސްލިމުންގެ މެދުގައި ވަނީ ހިތްހަމަނުޖެހުން ބޮޑުވެފަ އެވެ.

އެހެންވެ، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ލަންކާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެ ގައުމުން ވަނީ ރާއްޖޭގައި ލަންކާ މުސްލިމުން ވަޅުލަން ދިވެހި ސަރުކާރުގެ އެހީއަށް އެދިފަ އެވެ. އަދި ދިވެހި ސަރުކާރުން ދަނީ އެހީ ދެވޭނެތޯ ބަލަމުންނެވެ.

އެމްޑީއޭއިން ނެރުނު ބަޔާނެއްގައި އެ ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވީ ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުންގެ ޖަނާޒާގެ ކަންކަން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ނުގެންދެވޭނަމަ، އެ ފަރާތްތަކުގެ ޖަނާޒާ ރާއްޖޭގައި ކުރިއަށް ގެންދިއުމަކީ އެ ޕާޓީގެ ހުރިހާ މެމްބަރުން ތާއީދުކުރާ ކަމެއް ކަމަށެވެ.

"މުސްލިމުންގެ އެންމެ ރިވެތި ސިފައަކީ ދަތި އުނދަގޫ ވަގުތުތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް އަޅާލައި އޯގާތެރިކަން ދިނުން. މި ހުތޫރަތްތެރި ދަނޑިވަޅުގައި ލަންކާގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ވާޖިބެއް ކަމުގައި ދެކެން." ސިޔާމް ވިދާޅުވި އެވެ.

މިކަމުގައި ލަންކާގެ މުސްލިމުންނަށް އެހީވާން ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ސިޔާމް ވަނީ އެކަމަށްޓަކައި ސަރުކާރަށް ޝުކުރު ދަންނަވާފަ އެވެ.

ކޮވިޑް19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ވަޅުލަން ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންވެސް ވަނީ ތާއީދުކޮށްފަ އެވެ.