15 Dec 2020, 16:59
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން ނިހާންގެ މައްޗަށް ތުހުމަތުކޮށް ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން އޭނާ ރާއްޖެއިން ފުރުން މަނާކޮށްފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެސެޓް ރިކަވަރީ ކޮމިޝަނަށް ނިހާން ވަނީ ހާޒިރުކޮށްފަ އެވެ. އެކަން އެކޮމިޝަނުން ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ވެރިކަން ބަދަލުވެ، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލިބުނު ނާކާމިޔާބަށްފަހު ނިހާން ވަނީ ޕީޕީއެމްއިން ވަކިވެ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާއިން އޭރުގެ މަޖިލިސް މެމްބަރުނަށް ލިބުނު ކަމަށް ތުހުމަތު ކުރެވެއެވެ. އޭގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުންވެސް ހިމެނެއެވެ.
އެ ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލްގެ މައްޗަށެވެ.