25 Jan 2012, 11:45
ކުރިއަށް އޮތް އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރު ވުމުގެގޮތުން ގައުމީ ޓީމުން ފަރިތަކުރުންތައް ފެށިތާ ހަތަރު ދުވަސް ފަހުން ޓީމުގެ މެނޭޖަރު އެމްއެންޑީއެފްގެ ކެޕްޓަން އަހުމަދު ޒުބެއިރު މިއަދު ޓީމް ފަރިތަކުރުންތައް ކުރިއަށްދާ ގޮތް ބަލާލައިފި އެވެ.
މުބާރާތައް ތައްޔާރު ވުމުގެ ގޮތުން މިމަހުގެ 21 ވަނަ ދުވަހު ގައުމީ ޓީމްގެ ފަރިތަކުރުންތައް ފެށިފަހުން މެނޭޖަރު ޒުބެއިރު، ޓީމްގެ ޕްރެކްޓިސް ކުރިއަށްދާ ގޮތް ބަލައިލީ މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ޓީމްގެ ފަސް ވަނަ ޕްރެކްޓިހުގަ އެވެ.
މިއަދު ގައުމީ ޓީމް ކުރި ޕްރެކްޓިހަށް ފަހު މެނޭޖަރު ޒުބައިރު ވަނީ ޓީމްގެ ކުޅުންތެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކާފަ އެވެ.
މީގެކުރިން ގައުމީ ޓީމް ކުރި ހަތަރު ޕްރެކްޓިހުގައި ވެސް މެނޭޖަރު ޒުބައިރު ބައިވެރި ނުވާތީ ޓީމްގެ ގިނަ ކުޅުންތެރިން ވަނީ ސަކުވާކޮށް، މެނޭޖަރުގެ ޒިންމާ ޒުބެއިރުއަށް އެންމެ އެދެވޭގޮތުގައި ނުހިފޭ ކަމަށް ބުނެ އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެންބަރުންނަށް މަލާމާތުގެ ބަސްތައް ރައްދުވާ ގޮތަށް މީޑިޔާގައި ވާހަކަ ދައްކާފަ އެވެ.
ކެޕްޓަން ޒުބޭރު ގައުމީ ޓީމުގެ މެނޭޖަރަކަށް ހަމަޖެއްސީ ކުރިން ޓީމުގެ މެނޭޖަރަކަށް ހުރި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު (ބަލަކް) މަގާމުން ދުރު ކުރުމަށް ފަހު މިދިޔަ ހަފްތާގެ ހުކުރު ދުވަހު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ކުރީގެ މެނޭޖަރު ބަލަކްގެ މެނޭޖަރު ކަމުގެ ދަށުން ގައުމީ ޓީމް ކުޅެފައިވާ މުބާރާތް ތަކަށް ބަލާ އިރު، މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސާފް ޗެމްޕިއަންޝިޕް އަދި ވޯލްޑް ކަޕް ކޮލިފައިން ކުޅެފައިވެ އެވެ.
މިފަހަރުގެ މުބާރާތަށް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް އެފްއޭއެމްއިން ހަމަޖައްސާފައި ވަނީ ވިކްޓަރީގެ ކުރީގެ އެސިސްޓެންޓް ކޯޗު އަލީ ނާޝިދެވެ. އަދި ޓީމުގެ ހެޑްކޯޗަކަށް ހަންގޭރީގެ ކޯޗް އިސްތަވާން އުރުބާނީ ހަމަޖައްސާފައިވާ އިރު، މިފަހަރު ވެސް ޓީމްގެ ޑޮކްޓަރަކަށް ހަމަޖައްސާފައި ވަނީ އަހުމަދު ސަކީބެވެ.
މުބާރާތައް ތައްޔާރުވުމުގެ ގޮތުން މިއަދު ހަވީރުވެސް ގައުމީ ޓީމްގެ ފަރިތަކުރުންތައް ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ އޭއެފްސީ ޗެލެންޖްކަޕް މުބާރާތުގައި ރާއްޖެ ލައްވާލީ ގްރޫޕް އޭ ފަޅީގަ އެވެ .އެގޮތުން މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޓީމްތަކަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާއި ތުރްކުމެނިސްތާން އަދި ފަލަސްތީނެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ މާޗު މަހުގެ އަށް ވަނަ ދުވަހު ތުރްކުމެނިސްތާނާ ދެކޮޅަށެވެ. އަދި ދެ ވަނަ މެޗުގައި މާޗު މަހުގެ 10 ވަނަ ދުވަހު ނޭޕާލާ ދެކޮލަށް ނިކުންނައިރު، މާޗު މަހުގެ 12 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.