15 Dec 2020, 13:50
ޔޫއެފާ ޗެންޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް މިދިޔަ ބުރާސްފަތި ދުވަހު ނިމުމަށްފަހު، އެ މުބާރާތުގެ ގަދަ 16ގައި ކުޅޭ މެޗުތަކުގެ ގުރުއަތުލުން އިއްޔެ ބާއްވައިފި އެވެ.
ޗެންޕިއަންސް ލީގުގެ ދެވަނަ ބުރުގައި ގުރުއަތުން ހޮވުނު އެންމެ ފާހަގަކޮށްލެވޭ އެއް ކުރިމަތިލުމަކީ މިދިޔަ ސީޒަންގެ ފައިނަލްގައި ވާދަކުރި ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އާއި ބާސެލޯނާގެ ކުރިމަތިލުމެވެ. އެ ދެ ޓީމަށްވެސް ގައުމީ ލީގުތަކުގައި މިހާތަނަށް ވަނީ އެހާ ރަނގަޅު ޕާފޯމެންސްއެއް ދެއްކޭގޮތް ނުވެފަ އެވެ.
ބާސާއަށް ބަލާލާއިރު އެ ޓީމު މިހާރު އޮތީ ސްޕެއިންގެ ޕްރިމޭރާ ޑިވިޝަންގެ ލީގު ތާވަލްގައި 17 ޕޮއިންޓާއެކު އަށް ވަނައިގަ އެވެ. މިއީ ތާވަލްގެ އެންމެ ކުރީގައި އުޅޭ ރެއަލް ސޮސައިޑަޑްއާ ނުވަ ޕޮއިންޓްގެ ފަރަގެކެވެ. ނަމަވެސް ޗެންޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކުރި ބާސާ އެންމެ ފަހު މެޗުގައި ބަލިވީ 3-0 ގެ ނަތީޖާއަކުން ޔުވެންޓަސް އަތުންނެވެ.
ޕީއެސްޖީއަށް ބަލާއިރު، އެ ޓީމް ފްރާންސްގެ ލީގް އެކެއްގައި އިއްޔެ އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ 1-0 ގެ ނަތީޖާއަކުން ލިޔޮން އަތުން ބަލިވެފަ އެވެ. އެ ނަތީޖާއާއެކު ޕީއެސްޖީ ތާވަލްގެ ތިންވަނައަށް ވެއްޓިފައި ވާނަމަވެސް، އެ ޓީމާއި ތާޥަލްގެ އެންމެ ކުރީގައި އުޅޭ ލީލްއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ.
އެ ދެ ޓީމުގެ އިތުރުން ޗެންޕިއަންސް ލީގުގައި ޗެލްސީ އާއި އެތްލެޓިކޯ މެޑްރިޑްގެ ކުރިމަތިލުންވެސް ފާހަގަ ކޮށްލެވެ އެވެ. މިދިޔަ ސީޒަންގައި ޗެންޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ދެވަނަ ބުރަށް ޗެލްސީ ކޮލިފައިވީ ހަމަ ކިރިޔާ އެވެ. ނަމަވެސް މިއަހަރު އެ ޓީމް ވަނީ ހަ މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް، ދެ މެޗު އެއްވަރު ކޮށްފަ އެވެ. ޗެންޕިއަންސް ލީގުގައި އެ ޓީމަށް ކާމިޔާބު ސީޒަންއަކަށް ވިޔަސް، އިނގިރޭސި ޕްރިމިއަރ ލީގުގައި އެ ޓީމް މިހާރު އޮތީ 22 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގަ އެވެ.
ޗެލްސިއާ ހިލާފަށް އެތްލެޓިކޯ މެޑްރިޑް ވަނީ ސްޕެއިންގެ ލަލީގާގައި މިހާތަނަށް ހޯދި 26 ޕޮއިންޓާއެކު ތާވަލްގެ ދެވަނަ ހޯދާފަ އެވެ. ނަމަވެސް ޗެންޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އެ ޓީމަށް ކާމިޔާބު ކުރެވުފައި ވަނީ ހަ މެޗުގެ ތެރެއިން ދެ މެޗެވެ. އަދި ދެވަނަ ބުރަށް ދަތުރު ކުރުމަށްޓަކައި، އާރުބީ ސެލްޒްބާގްއާ ދެކޮޅަށް ކުޅުނު މެޗުން ކޮންމެހެންވެސް ކާމިޔާބީއެއް އެ ޓީމު ހޯދަންޖެހުނެވެ.
ޗެންޕިއަންސް ލީގުގެ ދެވަނަ ބުރުގެ ކުރިމަތިލުންތަކުގެ ތެރެއިން މިދިޔަ ސީޒަންގެ ޗެންޕިއަން ބެޔާން މިއުނިކްއާ ލާޒިއޯގެ ކުރިމަތިލުމަކީވެސް ފާހަގަކޮށްލެވޭ ކުރިމަތިލުމެކެވެ. އެ މުބާރާތުގެ ގަދަ 16 އަށް ހޮވުނު ގިނަ ޓީމުތަކާ އެއްގޮތަށް، ބެޔާންވެސް އަންނަނީ ގައުމީ ލީގުގައި ނާކާމިޔާބީތަކަކާ ކުރިމަތިލަމުންނެވެ.
އެހެން ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިފަހަރުވެސް ޗެންޕިއަންސް ލީގު ކާމިޔާބު ކުރާނީ ބެޔާން ކަމަށެވެ. އެ ޓީމުގެ ޓޮޕް ސްޓްރައިކަރު ރޮބާޓް ލެވަންޑައުސްކީ މި ސީޒަންގައި ފާހަގަކޮށްލެވޭ ޕާފޯމެންސެއް ދައްކަމުން އައުމުގެ އިތުރުން، އޭނާ ވަނީ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ. ނަމަވެސް މުޅި ޔޫރަޕުގައިވެސް ލެވަންޑައުސްކީއާ ވާދަކޮށްލެވޭނެ ހަމަ އެކަނި ކުޅުންތެރިޔާ ޗީރޯ އިމޮބިލެ ލާޒިއޯގައި ހުރުމަކީ ބެޔާންއަށް ކާމިޔާބީ ހޯދުމަށް އެޅިގެން ދާނެ ހުރަހެކެވެ.
އޭގެ އިތުރުން މެންޗެސްޓަރ ސިޓީ އާއި ބޮރޯޝިއާ މޮންޗެންގްލެޗްބަހުގެ ކުރިމަތިލުމާއި، ޕޯޓޯ އާއި ޔުވެންޓަސްގެ އިތުރުން، އާރްބީ ލައިޕްޒިގް އާއި ލިވަރޕޫލްގެ ކުރިމަތިލުންވެސް ފާހަގަކޮށްލެވެއެވެ. އަދި ސެވިއްޔާ އާއި ބޮރޯޝިއާ ޑޯޓްމަންޑްގެ އިތުރުން ރެއާލް މެޑްރިޑް އާއި އެޓްލާންޓާގެ މެޗުތަކަކީވެސް ފާހަގަކޮށްލެވޭނެ މެޗުތަކެކެވެ.
ޗެންޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގެ މެޗުތައް އަންނަ އަހަރުގެ ފެބްރުއަރީ 16 އާއި 17 ގައި ބާއްވަން ހަމަޖެހިފައި ވާއިރު، ދެވަނަ ލެގު ކުޅެން ހަމަޖެހިފައި ވަނީ މާޗް 9،10ގަ އެވެ.