ރާއްޖޭގެ ރަށްތަކުގެ އައްސޭރި ފަށުގައި ހުރި މާހައުލުތައް ހިމާޔަތްކޮށް އެތަންތަނުން އެކަށީގެންވާ މަންފާއެއް ހޯދުމުގެ ބޭނުމުގައި ޔޫއެންޑީޕީގެ ފަރާތުން ހިލޭ އެހީދިނުމުގެ ޕްރޮގްރާމެއް ފައްޓައިފި އެވެ.

މެންގްރޫވްސް ފޯ ދަ ފިއުޗަރު (އެމްއެފްއެފް)ގެ ނެޝަނަލް ކޯޑިނޭޓިން ބޮޑީގެ ޗެއާމަން، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ [އީޕީއޭ]ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު ވިދާޅުވީ އެ ޕްރޮގްރާމަކީ 2004 ވަނަ އަހަރު ރާއްޖެ އަށް ދިމާވި ސުނާމީ ހާދިސާއާ ގުޅިގެން އައްސޭރި ފަށުގެ މުހިއްމުކަން ފާހަގަކުރެވިގެން ކުރައްވާ ކަމެއް ކަމަށާއި މިކަމުގައި ސަރަހައްދުގެ ގިނަ ގައުމުތަކެއް ވެސް ބައިވެރިވާނެ ކަމަށެވެ.

"މި ޕްރޮގްރާމުގައި މި ސަރަހައްދުގެ ގިނަ ގައުމުތަކެއް ބައިވެރިވާނެ. އެގޮތުން ރާއްޖޭގެ އިރުތަށް ސްރީލަންކާ އާއި އިންޑިއާ އާއި އިންޑަނޭޝި އާއި ތައިލެންޑާއި ސީޝެލްވެސް ހިމެނޭ." ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން 10،000 ޑޮލަރާއި 25،000 ޑޮލަރުގެ ހިލޭ އެހީއެއް ލިބިގެންދާނެ ކަމަށާއި ޕްރޮޖެކްޓެއް ނިންމަން ދެވޭނީ މަދުވެގެން 18 މަސް ދުވަސް ކަމަށާއި އެ މުއްދަތު ތެރޭގައި ޕްރޮޖެކްޓް ނުނިމިއްޖެ ނަމަ އިތުރު ދެ އަހަރު އެ ފަރާތަކަށް ދެވޭނެ ކަމަށެވެ.

އަދި އެ ޕްރޮޖެކްޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު މިއަދުން ފެށިގެން އެއް މަސްދުވަހަށް ހުޅުވާލާނެ ކަމަށާއި ޕްރޮޕޯސަލްތައް ހޮވުމުގައި އެމްއެމްއެފްގެ ލަޑުދަނޑިތައް ހާސިލްވާ މިންވަރަށާއި ނެޝަނަލް ސްޓެޖިކް އެކްޝަން ޕްލޭނަށް އިސްކަންދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް ވިދާޅުވީ ޕްރޮޖެކްޓަށް ދޫކުރާ އެހީގެ ކަންތައްތައް ހިނގަމުންދާ ގޮތް ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށާއި އެކަމުގައި ސަރަހައްދީ ގައުމުތަކުގެ ފަރާތްތަކުން ވެސް ބައިވެރިވާނެ ކަމަށެވެ.
"ގްރާންޓެއް ލިބުނީމަ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ބޭނުން ކުރެވިފަ ހުންނަނީ. އެހެންކަމުން އަޅުނގަޑުމެން އެ ސައިޓްތަކަށް ދަތުރުކޮށް އެކަންތައް ހިނގާ ނުހިގާގޮތް ބަލާނަން. އަދި މިކަމުގައި ރާއްޖޭގެ ފަރާތްތަކުގެ އިތުރުން ރީޖަނަލް ބޭފުޅުންވެސް ބައިވެރިވާނެ."

މެގްރޫވްސް ފޯ ދަ ފިއުޗަރުއަކީ ސުނާމީއަށްފަހު އެފެދުނު އިންސްޓިޓުއުޓް އެކެވެ. އެގޮތުން އެމްއެމްއެފްއިން ވަނީ މިދިޔަ އަހަރުވެސް ހަރަކާތްތަކެއް ހިންގާ ރަނގަޅު ކާމިޔާބީއެއް ހޯދާފައެވެ.