ކޮވިޑް19 އާއި ގުޅިގެން މިދިޔަ ހަފްތާ ދައުލަތުން ކުރި ހޭދައިގެ ބޮޑު އިންސައްތައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީ އިން ކަމަށާއި ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކައިފި އެވެ.

އެ މިނިސްޓްރީ އިން ދަނީ ކޮވިޑް19 އާއި ގުޅިގެން ދައުލަތުން ކުރާ ހަރަދުގެ މައުލޫމާތު ހަފްތާއަކު އެއްފަހަރު އާންމު ކުރަމުންނެވެ. އެގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑު ހޭދައަށް ޖުމްލަ 2.72 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އޭގެތެރެއިން 1.34 ބިލިއަން ރުފިޔާ އަކީ ސިއްހީ އަދި އިޖުތިމާއީ ދާއިރާ އަށް ކުރި ހަރަދުތަކެވެ. މިދިޔަ ހަފްތާ މި ދާއިރާ އަށް ކުރި ހަރަދުތައް އޭގެ ކުރީ ހަފްތާ އާއި އަޅަބަލާއިރު 0.4 ޕަސެންޓް ވަނީ އިތުރުވެފައިވެ އެވެ.

ފިނޭންސް އިން ބުނީ ހަފްތާ އިން ހަފްތާ އަށް ބަލާނަމަ، މިދިޔަ ހަފްތާ އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީ އިން ކަމަށެވެ. އެހެން މިނިސްޓްރީތަކާ އަޅާބަލާއިރު ހެލްތުން ކޮވިޑުގެ ކަންތަކަށް ކުރިި ހޭދަ އިތުރުވި އިރު އެ މިނިސްޓްރީ އިން 5.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އެ މިނިސްޓްރީގެ ހޭދައިގެ ބޮޑުބަޔެއް ކޮށްފައިވަނީ އޮޕަރޭޝަނަލް ކަންތަކަށް އަދި މުވައްޒަފުންނަށް ދޭ އެލަވެންސް އަށެވެ.

ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަށް އެލަވެންސް ދިނުމަށް 3.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް ސެންޓަރުގެ ދަށުން ކުރާ މަސައްކަތްތަކުގައި އުޅޭ ފަރާތްތަކަށް އެލަވެންސް ދިނުމަށް 36 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި އެމްއެންޑީއެފްގެ މުވައްޒަފުންނަށް އެލަވެންސް ދިނުމަށް 24 މިލިއަން އަދި ފުލުހުންނަށް އެލަވެންސް ދިނުމަށް 20.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ކޮވިޑް19 އާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފްރަންޓްލައިން އެލަވެންސް ދެނީ މާޗު މަހުން ފެށިގެން ކުރަމުންދާ މަސައްކަތަށެެވެ. ތިން ކެޓަގަރީ އަކަށް ބަހާލައިގެން މި އެލަވެންސް ދޭއިރު ހައިރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދޭއިރު މީޑިއަމް ރިސްކު ކެޓަގަރީއަށް ދުވާލަކަށް 250 ރުފިޔާ އަދި ލޯ ރިސްކު ކެޓަގަރީއަށް 200 ރުފިޔާ ދުވާލަކަށްދެ އެވެ.

ކޮވިޑް-19އާ ގުޅޭ އިގްތިސާދީ ކަންތައްތަކަށް 1.38 ބިލިއަން ރުފިޔާ މިދިޔަ ހަފްތަގެ ނިޔަލަށް ހޭދަކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅަބަލާއިރު 0.7 ޕަސެންޓް އިތުރު ވުމެކެވެ. މިއީ މިދިޔަ ހަފްތާ ތެރޭގައި އިންކަމް ސަޕޯޓް އެލަވެންސް ދިނުމަށް ހޭދަކުރި 9.9 މިލިއަން ރުފިޔާއާ ގުޅިގެން އައި އިތުރުވުމެއް ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ.