ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ކަނޑޫފާތައް މަރުވާތީ، އެކަން ދިރާސާކުރުމަށް ކަނޑޫފާތަކުން ސާމްޕަލް ނަގައި އަންނަ ހަފްތާގެ ތެރޭގައި އިންޑިއާގެ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއަށް ފޮނުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން މިއަދު ބުނެފި އެވެ.

ރާއްޖޭގައި އާދަޔާ ހިލާފު ބާރުމިނެއްގައި ކަނޑޫފާތައް މަރުވާކަން ފާހަގަ ކުރެވެން ފެށީ މި އަހަރުގެ ކުރީކޮޅުގަ އެވެ. އެ މައްސަލަ އެންމެ ފުރަތަމަ ފާހަގަ ކުރެވުނު ރަށްތަކުގެ ތެރޭގައި ހއ. ކެލާ އަދި ހދ. ނޭކުރެންދޫ ހިމެނެ އެވެ. އެއީ އުތުރުގެ އެންމެ ބޮޑު ކަނޑޫފާތަކެވެ. މިހާރު 11 ރަށެއްގެ ކަނޑޫފަލުން ގަސްތައް މަރުވާކަން ވަނީ ފާހަގަކުރެވިފަ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ މީޑިއާ އޮފިސަރު މިއަދު "ސަން"އަށް ވިދާޅުވީ، ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް، ކަނޑޫފާތަކުން ސާމްޕަލް ނަގައި ރާއްޖެއިން ބޭރަށް ސާމްޕަލްސް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަންނަ ހަފްތާގެ ތެރޭގައި އިންޑިއާގެ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއަށް ސާމްޕަލްތައް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީޕީއޭއިން މީގެ ކުރިން ވަނީ ކަނޑޫފާތައް މަރުވާ މައްސަލައާ ގުޅިގެން ކުކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މާހިރުންތަކަކާއެކު އޮންލައިން ބައްދަލުވުމެއްވެސް ބާއްވައި މަޝްވަރާކޮށްފަ އެވެ.

ކަނޑޫފާތަކުގައި ޕްލާންޓް ޕެތޮޖެން އާއި ޕެސްޓު ހުރިތޯ ބެލުމަށް ޕީސީއާރު އަދި ޑީއެންއޭ ސީކުއެންސް އެނަލިސިސް ހެދުމުގައި އެ ޔުނިވާސިޓީއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އީޕީއޭއިން ބުންޏެވެ. އޭގެ އިތުރުން ވެލި އަދި ފެނުގެ ސާމްޕަލްތައް ތަހުލީލުކޮށްދޭނެ ކަމަށް އެ އެޖެންސީއިން ބުންޏެވެ.

މީގެ ކުރިން އީޕީއޭއާއި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ ގުޅިގެން ވަނީ ކެލާ އަދި ނޭކުރެންދޫގެ ކަނޑޫފަލުގެ ދިރާސާއެއް ހަދައިފަ އެވެ. އެ ދިރާސާއިން ނެގުނު ސާމްޕަލްތަކަށް ބަލައި އެގްރިކަލްޗާ މިނިސްޓްރީއިން މީގެ ކުރިން ބުނެފައި ވަނީ ގަސްތަކަށް ގެއްލުން ދެނިވި ފަނިފަކްސާ ކެލާ އަދި ނޭކުރެންދޫއިން ފެނުނު ކަމަށެވެ. އަދި ކެލާގެ ބައެއް ގަސްތަކުން ފަންގަސްގެ ބާވަތެއްގެ ސަބަބުން "ރޫޓް ރޮޓް" ނުވަތަ މޫ ފީވުން ފާހަގަ ކުރެވުނު ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީއާއި އީޕީއޭ ގުޅިގެން ނެގި ސާމްޕަލްތަކަކީ ބޭސިކް ޓެސްޓެއް ހަދަން ނެގި ސާމްޕަލްތަކެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލު މިއަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އަންނަ ހަފްތާގައި ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއަށް ފޮނުވާ ސާމްޕަލްތަތަކީ ހަމައެކަނި އީޕީއޭއިން ކުރާ މަސައްކަތެކެވެ. އަދި އެއީ ޑީޓެއިލްޑް އެނަލިސިސްއެއް ހެދުމަށް ނަގާ ސާމްޕަލްތަކެއް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.