25 Jan 2012, 11:29
ރާއްޖޭގެ މިހާރުގެ ހާލަތާ މެދު ކެނެޑާ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކެނެޑާސަރުކާރުން ރާއްޖެ އަށާއި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބްރޫސް ލެވީ ރާއްޖޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ކަމަށް ސްރީލަންކާގައި ހުންނަ ކެނެޑާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.
ބަޔާނުގައި ބުނެފައި ވަނީ ޑިމޮކްރަސީއަކަށް ބަދަލުވުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އޮޅުންބޮޅުން އޮތްކަން ގަބޫލުކުރާ ހާލު އިންސާނީ ހައްގުތަކާއި މިނިވަން ޝަރުއީ ނިޒާމާއި ގާނޫނުގެ ވެރިކަމަކީ އެކަމުގެ ތެރޭގައި އެންމެ އިސްކަން ދޭން ޖެހޭ ކަންތައްތައް ކަން ކެނެޑާ އިން ފާހަގަކުރާ ކަމަށެވެ.
ބަޔާނުގައި އަދި ބުނެފައި ވަނީ ރުޅިވެރިކަން އުފެދޭ ފަދަ ބަޔާންތައް ދިނުމުން ދުރުހެލިވުމަށް ހުރިހާ ޕާޓީއަކަށް ގޮވާލާ ކަމަށެވެ.
"ޑިމޮކްރަސީގެ ރޫހެއްގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހަމަތައް ހިފެހެއްޓުމަށް ހައިކޮމިޝަނަރު ހުރިހާ ޕާޓީތަކަށް ގޮވާލައްވަ އެވެ،" ކެނެޑާގެ ބަޔާނުގައިވެ އެވެ.
ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވަންދެން ކޮންމެ ރެއަކު މާލޭގައި ކުރަމުން އަންނަ މުޒާހަރާތައް ފެށިފައި ވަނީ ސަރުކާރާ މެދު ހަގީގަތާ ހިލާފު ވާހަކަތައް ދެއްކެވި ކަމުގެ ތުހުމަތަށް ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ހައްޔަރުކުރުމާއި ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރުމާ ގުޅިގެންނެވެ.
ހަފުތާއަކަށް ވުރެ ގިނަދުވަސްވަންދެން މުޒާހަރާ އާއި ހަމަނުޖެހުންތައް ހިނގި ނަމަވެސް ސަރުކާރު އަބުދުﷲ ގާޒީ އަދި މިނިވަނެއް ނުކުރެ އެވެ. އަދި އެފަދަ އިޝާރާތެއް ވެސް ނުކުރެ އެވެ.