15 Dec 2020, 10:54
ކޮވިޑް19ގެ ސަބަބުން ވަޒީފާ އަށް އަސަރުކުރި މީހުންނަށާއި އާމްދަނީ އަށް އަސަރު ކުރި މީހުންނަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 164.3 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު، މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 13.177 މީހުންނަށް ވަނީ މި އެލަވެންސް ދީފަ އެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.
އިންކަމް ސަޕޯޓް އެލަވެންސްގެ ފުރަތަމަ ބުރުގައި މާޗު މަހުގެ އެކަކުން ފެށިގެން، ކޮވިޑް-19ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށާއި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާ ލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށް އެލަވެންސް ދީފައިވެ އެވެ.
އިންކަމް ސަޕޯޓު އެލަވެންސްގެ ދެ ވަނަ ބުރެއް ތައާރަފުކޮށް ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރެއް ކުރިއަށް ގެންދިޔައިރު، ވީހާ ވެސް ގިނަ ބަޔަކަށް އެލަވެންސް ދިނުމަށްޓަކާ ފަހުން ނިންމާފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާ ގުޅިގެން އެބަޔެއްގެ ވަޒީފާއަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެންސް ލިބޭ ޝަރުތު ހަމަވާ މީހުންނަށް އެލަވެންސް ދިނުމަށެވެ.
މިހާރު މި އެލަވެންސްގެ ތިންވަނަ ބުރެއް ތައާރަފުކޮށް އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހުގެ އެލަވެންސް އަށް އެދުމަށް ވަނީ ހުޅުވާލައިފަ އެވެ. މި ދެމަހުގެ އެލަވެންސް އަށް އެދުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް އޮންނާނެ އެވެ. އަދި ޑިސެމްބަރު މަހުގެ އެލަވެންސް އަށް އެދުމުގެ ފުރުސަތު 10 ޖެނުއަރީ އިން 31 ޖެނުއަރީ އަށް ހުޅުވާލާނެ އެވެ.