15 Dec 2020, 09:55
ވޮޝިންޓަން (ޑިސެމްބަރު 15): އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިއަމް ބާ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފި ކަމަށާއި އަންނަ ހަފްތާގެ ބުދަ ދުވަހު އޭނާ މަގާމުން ދުރަށްޖެހިވަޑައިގަންނަވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ބާ ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ސަރުކާރުގައި ހިދުމަތް ކުރަން ފުރުސަތު ލިބުމަކީ އޭނާއަށް ލިބިލެއްވި ވަރަށް ބޮޑު ޝަރަފެކެވެ. އަދި އެ ސަރުކާރާ "ދެކޮޅަށް ހުއްޓުމެއްނެތި" ބަޔަކު މަސައްކަތް ކުރި ނަމަވެސް އެ ސަރުކާރުން ވަނީ ވަރަށް ގިނަ ކާމިޔާބީތައް ހާސިލު ކޮށްފަ އެވެ.
މީގެ އިތުރުން އެމެރިކާގެ ރައްޔިތުން "ކުށްތަކުން ރައްކާތެރި ކުރުމަށް ޖަސްޓިސް ޑިޕާޓްމެންޓުން ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރި" ކަމަށާއި އެގައުމުގެ އިގުތިސާދުން ފައިދާ ނެގުމަށް ޗައިނާއިން ކުރާ މަސައްކަތް ހުއްޓުވި ކަމަށްވެސް ބާ ވިދާޅުވި އެވެ.
ބާގެ އިސްތިއުފާ އިއުލާން ކުރައްވަމުން ޓްރަމްޕް ވަނީ އޭނާގެ މަސައްކަތަށް ތައުރީފު ކުރައްވާ، އެ ދެ ބޭފުޅުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް މިދިޔަ ހަފްތާ ބަންދު ތެރޭގައި ޓްރަމްޕް ވަނީ ބާ މަގާމުން ދުރު ކުރަން ޖެހޭ ކަމަށް ޓުވިޓާ މެދުވެރިކޮށް ވިދާޅުވެފަ އެވެ. އެއީ ޖޯ ބައިޑެންގެ ދަރިކަލުން ހަންޓާ ބައިޑެންގެ ޓެކްސް މުއާމަލާތްތަކާ ބެހޭ ތަހުގީގަކާ ބެހޭ މައުލޫމާތު މިއަހަރުގެ ކުރީކޮޅު ބާއަށް ލިބުނު ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓު ކުރުމުންނެވެ.
މީގެ އިތުރުން އެމެރިކާގެ ރިޔާސީ އިންތިހާބުގައި ފުޅާ ދާއިރާއެއްގައި ވޯޓު އޮޅުވާލާފައިވާ ކަމުގެ ހެއްކެއް އެގައުމުގެ ޖަސްޓިސް ޑިޕާޓްމެންޓަށް ފެނިފައި ނުވާ ކަމަށް ބާ ވިދާޅުވުމުން އޭނާ އާއި ޓްރަމްޕްގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.
ބާ އިސްތިއުފާ ދެއްވާކަން ޓްރަމްޕް އިއުލާން ކުރެއްވީ އެމެރިކާގެ އިލެކްޓޯރަލް ކޮލެޖު ވޯޓު ބައިޑެން ކާމިޔާބު ކުރައްވާ، ރައީސްކަން ކަށަވަރު ކުރެއްވި ފަހުންނެވެ. އެ ވޯޓުގައި ބައިޑެންއަށް 306 އިލެކްޓަރުންގެ ތާއިދު ލިބުނު އިރު ޓްރަމްޕަށް ތާއިދު ކުރީ 232 އިލެކްޓަރުންނެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުން ޓްރަމްޕް ބަލި ގަބޫލު ނުކުރެއްވި ނަމަވެސް މިދިޔަ ނޮވެމްބަރު މަހު އޭނާ ވަނީ އިލެކްޓޯރަލް ކޮލެޖު ވޯޓުން ނާކާމިޔާބުވެއްޖެ ނަމަ ވައިޓް ހައުސް ދޫކުރައްވާ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ ކުރިން 2009އިން 2017އަށް ނައިބު ރައީސްކަން ކުރެއްވި ބައިޑެން ރައީސް ކަމުގެ ހުވާ ކުރައްވާނީ އަންނަ މަހުގެ 20ގަ އެވެ.