ބަތަލާ ޝްރައްދާ ކަޕޫރާއި ރަންބީރު ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާގޮތަށް ނިންމައިފި އެވެ.

އަންނަ ޖަނަވަރީ މަހު އެ ފިލްމުގެ ޝޫޓިން ފަށާއިރު މި ފިލްމަކަި ޑައިރެކްޓަރު ލަވް ރަންޖަންގެ ޑައިރެކްޝަނުގެ ދަށުން އުފައްދާ ފިލްމެކެވެ. ލަވް ރަންޖަންގެ ހޯމް ޓައުން ގާޒީއާބާދުގައި ފިލްމުގެ ޝޫޓިން ފަށާއިރު ފިލްމުގެ ބައެއް މަންޒަރުތައް ދިއްލީގައި ވެސް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ނަން ހާމަނުކުރާ މި ފިލްމަކީ މީގެ އަހަރެއްހާ ދުވަސްކުރިން އިއުލާންކުރި ފިލްމެކެވެ.

ފިލްމުގެ މަންޒަރުތައް އަންނަ އަހަރުގެ އޭޕްރިލް މަހު އެއްކޮށް ނިންމާލާނެ ކަމަށާއި ފިލްމުގެ ބައެއް މަންޒަރުތައް ސްޕެއިންގެ ހިތްގައިމު މާހައުލުގައި ވެސް ނެގުމަށް ވަނީ ނިންމާފަ އެވެ. ފިލްމުގައި ޝްރައްދާ ކުޅޭނީ ވެއިޓްރަސްއެއްގެ ރޯލެވެ.

ބަތަލާ ޝްރައްދާ އެންމެ ފަހުން ފެނިގެންދިޔައީ ޓައިގާ ޝްރޮފް އާއެކު ފިލްމު "ބާގީ 3" އިންނެވެ.