ޕްރައިވަޓައިޒްގެ އުސޫލުން ގއ. ގެމަނަފުށީ ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ހަވާލުކުރި ފަރާތަށް ޑިސެމްބަރު މަހުގެ ފައިސާ އަދިވެސް ނުލިބޭ ކަމަށް ސެކިޔުރިޓީ ބަލަހައްޓާ ފަރާތުން ބުނެފި އެވެ.

ގެމަނަފުށީ ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ހަވާލުކޮށްފައި ވަނީ އެރަށު އެތުމާގޭ އާދަމް ހުސެއިންއާ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އާދަމް ބުނީ ސްކޫލާއި އޭނާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސެކިޔުރިޓީ ބެލެހެއްޓުމަށް ތިން މުވައްޒަފަކު އޭނާ ހަމަޖައްސައި ޑިސެމްބަރު މަހުން ފެށިގެން ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓަމުން އަންނަ އިރު އަދިވެސް ޑިސެމްބަރު މަހުގެ ފައިސާ އޭނާ އާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.

"ޑިސެމްބަރު މަހު އަޅުގަނޑާއި ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރީ. އެ އެއްބަސްވުމުގެދަށުން އަޅުގަނޑު މިވަނީ ތިން މުވައްޒަފުން ހަމަޖައްސައި ޑިސެމްބަރު މަހުން ފެށިގެން 24 ގަޑިއިރު ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓަމުން. އެކަމަކު އަދިވެސް އަޅުގަނޑަށް ދޭން ޖެހޭ އުޖޫރަ ދެއްވާފައިނުވޭ،" އާދަމް ބުންޏެވެ.

އޭނާ ބުނީ އެއްބަސްވުމުގައިވާ ގޮތަށް އޭނާއާ މަސައްކަތުގެ އުޖޫރަ ހަވާލުކޮށްފައި ނުވުމުން މުވައްޒަފުންނަށް މުސާރަ ވަނީ ނުދެވި ކަމަށެވެ. އަދި ވިދާޅުވީ މުސާރަ ނުލިބިގެން މުވައްޒަފުންގެ ޝަކުވާތައް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ފައިސާ ޖަމާކޮށްދީފައި ނުވުމުން މުވައްޒަފުންނަށް މުސާރަ ނުދެވިވާ ކަމަށެވެ.

ގެމަނަފުށީ ސްކޫލްގެ ޕްރިންސިޕަލް އަސްލަމް ހުސެއިން ވިދާޅުވީ އެ ފައިސާ ނުދެވި ވަނީ ސްކޫލް އެކައުންޓަށް ފައިސާ ޖަމާކޮށްދީފައި ނުވާތީ ކަމަށާއި ގައުމީ އިދާރާ އަށް ވެސް އެ ފައިސާ އަދި ލިބިފައި ނުވާ ކަމަށެވެ.
މަތިދެކުނު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީ މުހައްމަދު ޝަރީފް މިއަދު ވިދާޅުވީ ސެކިޔުރިޓީ ބަލެހެއްޓުމުގެ މަސައްކަތް ހަވާލުކުރި ފަރާތާއި އެ އިދާރާއާ ދެމެދު އޮތް ކަމަކަށް ވާތީ ފައިސާ ނުލިބޭ މައްސަލައަކީ އެހެން ފަރާތަކާ ހިއްސާ ކުރަން ޖެހޭ މައުލޫމާތެއް ނޫންކަމަށެވެ.

"ފައިސާގެ މައްސަލައަކީ އެހެން ފަރާތަކާ ހިއްސާކުރަން ޖެހޭ ވާހަކައެއް ނޫން. އެފަރާތުން ވެސް ބޭނުންނުވާނެ އެހެން ފަރާތަކާ އެ ވާހަކަ ހިއްސާކުރާކަށް. އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނޭނގޭ ސަން އޮންލައިން އާއި އެފަރާތާ އަޅުގަނޑުމެންނާ ތިން ފަރާތުގައި އެއްބަސްވުމެއް ވެވިފައިވާ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ