15 Dec 2020, 09:29
އެމެރިކާގެ ޔޫޓާ ސްޓޭޓްގެ މިންކް ފާމެއްގެ ކައިރީގައި އުޅުނު މިންކް އެއްގެ ހަށިގަނޑުން ކޮރޯނާ ވައިރަސް ފެނިއްޖެ އެވެ. މިއީ މިފަދަ ޖަނަވާރެއް މި ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
އިންޓަނޭޝަނަލް ސޮސައިޓީ ފޯ އިންފެކްޝަސް ޑިޒީޒް އަށް އެމެރިކާގެ ޖަނަވާރުންގެ ޑޮކްޓަރުންތަކެއް ފޮނުވި އެލާޓެއްގައި ވަނީ މިކަން ކަށަވަރުކޮށްދީ، އެހެނިހެން ޖަނަވާރުންގެ ކިބައިގައި މި ވައިރަސް ހުރެދާނެތީ އެކަން ސަމާލުކަމަށް ގެނެސްފަ އެވެ.
ޔޫރަޕާއި އަދި ހާއްސަކޮށް އެމެރިކާގެ މިންކް ފާމްތަކުގައި އުޅޭ ޖަނަވާރުތަކުން ވެސް ބަލި މިހާރު ފެނިފައިވުމާ އެކު މިލިއަނެއްހާ މިންކްތައް މިހާރު އެތަންތަނުން ބޭރުކުރެވިފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާގެ ވެޓެރިނަރީ އެކްސްޕާޓެއް ކަމުގައިވާ ޑރ.ޑޭން ހޯޓަން ވިދާޅުވެފައިވާ ގޮތުގައި މިއީ މިފަދައިން މިންކް ތަކުގައި ބަލި ފެނުނު ފުރަތަމަ ފަހަރެވެ. ނަމަވެސް އަދި މިހާތަނަށް މީގެ އެއް ޖަނަވާރުގެ ކިބައިން އަނެއް ޖަނަވާރަށް ބަލި ޖެހިދާނެ ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.
ބައްޔަށް ޕޮޒިޓިވް ވެފައިވާ މިންކްގެ ހަށިގަނޑުން ފެނުނު ވައިރަސް ސްޓްރެއިން އާއި ކައިރީގައި އޮތް މިންކް ފާމެއްގައި އޮތް މިންކެއްގެ ހަށިގަނޑުން ފެނުނު ވައިރަސް ސްޓްރެއިންއާއި އެއްގޮތްވެފައި ވިޔަސް، އަދި މިހާތަނަށް އެއްވެސް އިތުރު ޖަނަވާރެއް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.
މިންކްއަކީ ފާމްތަކުން ފިލައިގެން ފަސޭހައިން ދާ ޖަނަވާރަކަށް ވާއިރު، ސަަވައިލެންސްގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށް ކަމާއިބެހޭ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.