މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 11 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 11 މީހުންނެވެ. އެއީ އިއްޔެ ކޮވިޑް އަށް ޕޮޒިޓިވްވި މީހުންނަށްވުރެ ދަށް އަދަދެކެވެ. އިއްޔެ ޕޮޒިޓިވްވީ 20 މީހުންނެވެ.

މިއަދު 1،854 ސާމްޕަލް އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި ހަތް މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި ތިން މީހުންގެ އިތުރުން މީހުން އުޅޭ ރަށަކުން ޕޮޒިޓިވްވި މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،379 އަށް އަރާފައެވެ.

ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 12،731 އެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 593 އެވެ. އޭގެ ތެރެއިން 62 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 48 އެވެ.