އެމެރިކާއިން މިދިޔަ ހުކުރު ދުވަހު ބޭނުން ކުރަން ހުއްދަ ދިން ފައިޒާ-ބަޔޯއެންޓެކް ކޮވިޑް ވެކްސިން އެންމެފަހުން މީހުންނަށް ދޭން ފަށައިފި އެވެ.

އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އެމެރިކާ ގަޑީން ހަތެއް ޖަހާ އެހާކަށް ހާއިރު އެމެރިކާގައި ފުރަތަމަ ވެކްސީން ދީފައިވާ ކަމަށެވެ.

އެމެރިކާގެ ނޫސްތަކުން ބުނެފައިވާގޮތުގައި އެންމެ ފުރަތަމަ ކޮވިޑް-19 ވެކްސީން ދޭނީ ފްރޮންޓްލައިން ހެލްތު ވޯކާސް އަށެވެ. އެގޮތުން އެ ފަރާތްތަކަށް މިހާރު ވެކްސީން ދެމުން ގެންދާ ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގައި އެންމެ ފުރަތަމަ ވެކްސީން ދީފައިވަނީ ލޯންގް އައިލަންޑް އަށް ނިސްބަތްވާ ނަރުހެއް ކަމަށްވާ ސެންޑްރާ ލިންޑްސޭ އަށެވެ.

އެމެރިކާ ސަރުކާރުގެ ވެކްސިން ކެމްޕޭން، އޮޕަރޭޝަން ވާޕް ސްޕީޑުގެ މެމްބަރެއް ކަމަށްވާ ޖެނެރަލް ގުސްތާވާ ޕާނާ ވިދާޅުވި ގޮތުގައި އެގައުމަށް ލިބުނު ފައިޒާ-ބަޔޯއެންޓެކް ވެކްސިންގެ ފުރަތަމަ ތިން މިލިއަން ޑޯޒް ހަފްތާ ބަންދު ތެރޭ ހުރިހާ ސްޓޭޓަކަށް ފޮނުވާނެ އެވެ.

އެމެރިކާގެ އިތުރުން އިނގިރޭސިވިލާތް، ކެނެޑާ، ބަހުރައިން އަދި ސައުދީ އަރަބިއާއިން ވަނި ފައިޒާ ވެކްސިންއަށް ހުއްދަ ދީފަ އެވެ. އަދި އެގައުމުތަކާ އެއްގޮތަށް އެމެރިކާއިން ވެސް ވެކްސިން ދިނުމުގައި އިސްކަން ދޭން ހަމަޖެހިފައި ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށާއި އުމުރުން ދުވަސްވީ އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލާ ސެންޓަރުތަކުގައި ތިބޭ މީހުންނަށެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން ވަނީ އެ ވެކްސިން ރައްކާތެރި ކަމަށާއި އޭގެއިން ކޮވިޑު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ނިންމާފަ އެވެ.