15 Dec 2020, 09:11
ކޮވިޑްގެ ބަލިމަޑުކަމާ ހުރެ ފަސް ވަރަކަށް މަހަށް ރާއްޖެ ބަންދުކޮށްފައި އޮތުމަށް ފަހު ޖުލައި މަހު ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލުމާ އެކު ރާސްލާފައި ޓޫރިސްޓުން އަންނަން ފެށި އެވެ. ރާއްޖޭގެ ޓޫރިޒަމަށް އެންމެ ބާރު ބޮޑު ޑިސެމްބަރު މަހާ ކުރިމަތިލީ އިރު، ދުވާލެއްގެ މައްޗަށް މިހާރު އެވްރެޖްކޮށް ތިންހާހެއްހާ ޓޫރިސްޓުން އާދެ އެވެ. އެއާ އެކު އެއާޕޯޓުގެ ހަލަބޮލިކަމާއި ހަރަކާތްތައް ގިނަވެ، އުންމީދު އާވާން ފަށައިފި އެވެ. މި ހުރިހާ ކަމަކުން ރާއްޖޭގެ މައި ސިނާއަތް ޓޫރިޒަމަށް އާ އުންމީދު އާވާން ފަށާފައިވާ އިރު، ވަޒީފާ ގެއްލި އަތް މަތި ހުސްވެ ކަރު އެލުވާލައިގެން ތިބި އެތައް ރިސޯޓް މުވައްޒަފަކު ވެސް ތިބީ އުންމީދު އާ ކޮށްގެންނެވެ. އެ މީހުން ތިބީ އާ ފެށުމެއްގެ އިންތިޒާރުގަ އެވެ.
މިއީ ޓޫރިޒަމް ސިނާއަތުގެ މުވައްޒަފުންނަށް ކިހާ ބޮޑު ހިތްހަމަ ޖެހުމެއް ހެއްޔެވެ؟ ޓޫރިޒަމް ރަނގަޅުވެ އެ މީހުންގެ ނަސީބު އަތުގައި ހިފައިފި ހެއްޔެވެ؟ މި އާ ފެށުމުގައި އެ މީހުން ތިބީ ކިހާ ހިސާބެއްގައި ހެއްޔެވެ؟
އެކަމަކު ރިސޯޓު މުވައްޒަފުންގެ ވާހަކަތަކުން އެ އުންމީދެއް ނުފެނެ އެވެ. މިދިޔަ ހަފްތާ އެއްހާ ދުވަހު ބައެއް ރިސޯޓު މުވައްޒަފުންގެ ޝަކުވާއަކަށްވީ ކުރިން ވަޒީފާތަކުގައި ތިބި ދިވެހި މުވައްޒަފުންނަށް ފުރުސަތު ނުދީ ބޭރު މުވައްޒަފުން ވަޒީފާތަކަށް ނެރޭ ކަމުގެ ޝަކުވާ އެވެ. ދިވެހިންނަށް ވަޒީފާ ދޭނަމަ، އެންމެ ތިން މަހުގެ ކޮންޓްރެކްޓެއް ހުށަހަޅާ ކަމުގެ ޝަކުވާ އަދި މާބޮޑެވެ. މިހެންގޮސް އެ މީހުންގެ ހައްގުތަކާ ގުޅޭ އެތައް ޝަކުވާއެކެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކަކަށް ރިސޯޓު ރެޕަކު ހިދުމަތް ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރާއްޖެއަށް ޓޫރިޒަމްގެ ސީޒަން ފެށިފައިވާއިރު 421 ޓޫރިސްޓު ފެސިލިޓީ އޮޕަރޭޝަނުގައި އެބަ އޮތެވެ. ކުރިން 95 ޕަސެންޓް ނޫނީ 100 ޕަސެންޓް އޮކިޔުޕެންސީގައި މި ދުވަސްވަރު ހިންގާ ބައެއް ރިސޯޓުތަކުގެ އޮކިޔުޕެންސީ 70 ޕަސެންޓުގައި ހުރި އިރު، މިއީ މިހާރުގެ ހާލަތަށް ބަލާއިރު މާ ބޮޑަށް ވެސް ރަނގަޅު އަދަދެކެވެ. ބައެއް ރިސޯޓްތައް ފުލް އޮކިއުޕަންސީގައިވެސް އެބަ ހުއްޓެވެ. އެއާ އެކު ސިނާއަތުގެ ވެރިންނަށް ކުޑަ ނަމަވެސް ހިތް ހަމަ ޖެހުމެއް ލިބިއްޖެ އެވެ.
އެކަމަކު މި ކުރިއެރުމާ އެކު މުވައްޒަފުންނަށް ލިބުނު ރަނގަޅަކީ ކޮބައި ހެއްޔެވެ؟
ކޮވިޑްގެ ސަބަބުން ވަޒީފާ އަށް އަސަރު ކުރި ރިސޯޓް މުވައްޒަފަކު ނަން ނުޖަހާގޮތަށް "ސަން" އަށް ބުނީ އޭނާ ކުރިން ވަޒީފާ އަދާކުރި ރިސޯޓުން އޭނާއަށް ފުރުސަތު ދިނީ 250 ޑޮލަރުގެ މުސާރައަކަށް އެއްބަސްވާ ނަމަ އަލުން ވަޒީފާއަށް ނުކުންނާށެވެ. އޭނާ ބުނި ގޮތުގައި މީގެ ކުރިން އޭނާގެ މުސާރައަކީ މަހަކު 1،200 ޑޮލަރެވެ. ސީނިއާ މަގާމެއްގައި ކުރިން ހުރި އެ މުވައްޒަފު ރިސޯޓުގައި ވަޒީފާ އަދާކުރާތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
"މީގެ ކުރިން 1200 ޑޮލަރުގެ މުސާރައަށް އަދާކުރި ވަޒީފާ އަށް، ކުރީގެ ހުރިހާ މަސްއޫލިއްޔަތަކާ ހަވާލުވާން، ކުޑަކުޑަ މުސާރައަކަށް ދާން އަޅުގަނޑަށް އާނ ބަހެއް ނުބުނެވޭނެ،" އެ މުވައްޒަފުގެ ކަންބޮޑުވުން ހިއްސާކުރި އެވެ.
މީގެ ކުރިން ރިސޯޓު ވަޒީފާއެއްގައި ހުރި އެހެން ޒުވާނަކު ކުރި ޝަކުވާއަކީވެސް، ކުރާ މަސައްކަތާ އަޅާ ބަލާއިރު އޭނާއަށް ރިސޯޓުން ދޭ އުޖޫރައިގެ ކުޑަކަމުގެ ޝަކުވާ އެވެ. އޭނާ މަސައްކަތް ކުރާ ރިސޯޓުން އެއްބަސްވަނީ އެންމެ 3،000 ރުފިޔާގެ މުސާރައެއް އޭނާއަށް ދޭށެވެ. އެކަމަކު އޭނާ ކުރަން ޖެހޭ މަސައްކަތް ވަކި ކުޑައެއް ނޫނެވެ.
"ކުރިން ކުރި މަސައްކަތްކުރަން، އެ ޒިންމާތަކާ އެކީ މަސައްކަތް ކުރަން ރިސޯޓުން އެބަ ދޭ އޮފާ. އެކަމަކު ބުނަނީ 3000 ރުފިޔާގެ މުސާރައަކަށޭ. ކިހިނެއް އެހާ ކުޑަ މުސާރައަކަށް ދާނީ؟ އިތުރު ވަޒީފާ އެއްވެސް ލިބޭތޯ މަސައްކަތް އެބަ ކުރެވޭ. އެކަމަކު މިހާރު ވަޒީފާ ލިބެނީ ގާތް މީހަކު ދިނިއްޔާ،" އޭޕްރީލާ ހަމައަށް ރިސޯޓު ވަޒީފާ ގައި ހުރި އެ ޒުވާނާ ކިޔައިދިނެވެ.
ކޮވިޑަށް ފަހު ރިސޯޓް ވަޒީފާއަށް އެނބުރި ގޮސްހުރި ޒުވާނަކު "ސަން"އަށް ބުނި ގޮތުގައި އެ ރިސޯޓުގެ ވަޒީފާތަކަށް ގިނައިން ނަގަނީ މިހާރު ބިދޭސީންނެވެ. ސަބަބަކީ، ކުޑައަގެއްގައި އެ މީހުން ލިބުމެވެ. އޭނާ ލަފާކުރާ ގޮތުގައި ރިސޯޓުތަކުން އެގޮތަށް އަމަލު ކުރަނީ މިވަގުތު ރިސޯޓުތަކުން ލިބޭ އާމްދަނީ މަދުވުމުން ކަމަށް ވެދާނެ އެވެ.
މިފަހުން ބައެއް ރިސޯޓްތަކުން ކުރި ވަޒީފާގެ އިއުލާންތަކުގައި ވެސް ދިވެހިންނަށް އަދާކުރެވޭ ވަޒީފާތަކަށް ވެސް ބިދޭސީން ހޯދަން އިއުލާން ކޮށްފައިވެ އެވެ. މިސާލަކަށް، ޒަމާނުއްސުރެ ދިވެހިން އަދާކުރަމުން އަންނަ ރޫމް ބޯއީ އާއި ވޭޓަރުކަން ކަހަލަ ވަޒީފާތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހައްގު މިންވަރު ނުލިބޭ ކަމުގެ ޝަކުވާ އެއީ އާ ވާހަކައެއް ނޫނެވެ. އެކަމަކު ކޮވިޑާ އެކު ޓޫރިޒަމް މަރުވެ އަލުން ދިރެން ފަށާފައިވާ އިރު އެ ޝަކުވާތަކުގެ ސީރިއަސްކަން މި ދަނީ ބޮޑުވަމުންނެވެ.
މިހާރު ރިސޯޓުތަކަށް ވަޒީފާ އަށް ނިކުމެ ތިބި ދިވެހިންގެ ޝަކުވާއަކީ ކުރިން ކުރި މަސައްކަތް، އިތުރު ރިސްކަކާ އެކު ކުރާއިރު މުސާރަ ކުޑަވުމެވެ. އަދި މީގެ ކުރިން އާމްދަނީގެ ބޮޑު ބައެއް ލިބޭ ސާވިސް ޗާޖު ރިސޯޓުތަކުން އެއްގޮތަކަށް ވެސް ނުދޭ ކަމުގެ ޝަކުވާ ބޮޑެވެ. ރިސޯޓުގެ މުވައްޒަފުން އުފައްދާ ސުވާލަކީ ރިސޯޓުގެ އޮކިޔުޕެންސީ މަތިވި ނަމަވެސް އެ މީހުންގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލެއް ނައިސް ހިފެހެއްޓިފައި ހުންނަނީ ކީއްވެ ހެއްޔެވެ؟ އެ މީހުން ދެކޭ ގޮތުގައި މިއީ ބޭއިންސާފެކެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޖަމްއިއްޔާ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ރައީސް މައުރޫފް ޒާކިރު ވިދާޅުވި ގޮތުގައި ކޮވިޑަށް ފަހު މުވަައްޒަފުންނަށް ލިބޭ މުސާރަ ކުޑަކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. މުވައްޒަފުންނަށް ހައްގުވާ ޗުއްޓީ އާއި އޮފް ދުވަސްތަކުގެ ބޭނުން ހިފައި އާއިލާ ކައިރިއަށް ނުދެވޭތީ، އެކަމުގެ ކަންބޮޑުވުންވެސް އޭނާ ހިއްސާ ކުރެއްވި އެވެ. އެ ހުރިހާ ގުރުބާނީތަކާ އެކުވެސް ރިސޯޓު މުވައްޒަފުންނަށް ލިބެނީ ވަރަށް ކުޑަ މިންވަރެއް ކަމަށް އޭނާ ވެސް ގަބޫލު ކުރައްވަ އެވެ.
މައުރޫފް ވިދާޅުވީ ކޮވިޑާ ގުޅިގެން ރިސޯޓުތަކުގެ މުވައްޒަފުންގެ ބޮޑު ބައެއް އޭޕްރީލް މަހުން ފެށިގެން ޗުއްޓީ އަށް ދިޔައީ ނޯޕޭލީވް ނޫނީ އެއްވެސް މުސާރައެއް ނުހިނގާ ގޮތަށެވެ. އޭރުގެ ހާލަތު އެ މީހުން ގަބޫލުކުރި އެވެ. އެކަމަކު އެ ހާލަތު ރަނގަޅުވުމުން ކަންކަން ރަނގަޅުވާން ޖެހޭ ކަމަށް މައުރޫފް ވިދާޅުވި އެވެ.

ރާއްޖެ އައި ފަތުރުވެރިންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މިހާރު ރާއްޖޭގެ 90 ޕަސެންޓް ރިސޯޓުތައް އޮޕަރޭޝަނުގައި އޮތް އިރުވެސް ދެމުންދަނީ ކުޑަ މުސާރަ. ވަޒީފާގެ އެއްބަސްވުމާވެސް ހިލާފަށް. ގާނޫނީ ގޮތުން ހިލާފު ކަމެއް މިއީ. އެކަމުގެ ޝަކުވާ އަޅުގަނޑުމެން ޓޫރިޒަމް މިނިސްޓްރީ އަށް ރަސްމީކޮށް ލިޔުމުން ހުށަހެޅިން. އެކަމާ ގުޅިގެން މިނިސްޓްރީ އިން ބުނީ ޕޯޓަލް އެއް ތައްޔާރު ކުރަމުން ދާ ކަމަށް ރިސޯޓު މުވައްޒަފުންގެ މައްސަލަތައް ހައްލު ކުރުމަށް،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ގެއްލުމުން އަރައިނުގަނެވޭ ކަމަށް ބުނެ، ބައެއް ރިސޯޓުތަކުން ވަނީ ސާވިސް ޗާޖް ދިނުން ހުއްޓާލައިފަ އެވެ. ނަމަވެސް އެކަން ގަބޫލު ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މުވައްޒަފުންގެ ބޮޑު ހައްގެއް ނިގުޅައިގަތުން ކަމަށް އޭނާ ސިފަކުރެއްވި އެވެ.
މައުރޫފްގެ ކަންބޮޑުވުމަކީ މިހުރިހާ ބޭއިންސާފެއް މުވައްޒަފުންނާ މެދު ހިނގަމުންދާއިރު އިދާރާތަކުން އަޅާނުލާ ބަލަހައްޓައިގެން ތިބުމެވެ. އެކަމަށް އެދެވޭ މަސައްކަތްތަކެއް ކުރަމުން ނުދިޔުމެވެ.
"މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެއްވެސް ފިޔަވަޅެއް އަޅަމަކުން ނުދޭ. ހައްގުތައް ރައްކާތެރިކުރުމުގެ ވިސްނުމެއް އޮތޯރިޓީތަކުގެ ނެތް،" މައުރޫފް ވިދާޅުވި އެވެ.
"ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސް ނުދިން ނަމަ ރިސޯޓް މުވައްޒަފުން މިފަހަރު ބަނޑަށް ޖެހޭނެ. ބަނޑަށް ނުޖެހި ސަލާމަތްވީ ސަރުކާރުގެ އެލަވަންސުން،"
ސަރުކާރުގެ ހުރިހާ އަމާޒެއް މިވަގުތު ހުރީ ޓޫރިޒަމް ހުޅުވައި ސިނާއަތުގެ ވެރީންނަށް ވިޔަފާރި ކުރަން ފަސޭހަ ކޮށް ދިނުމަށެވެ. ބޭނުމަކީ އިގްތިސާދުގެ ސަރަކަ ހިނގައިގަންނާނެ ގޮތެއް ހެދުމެވެ. ހުއްޓިފައި ހުރި އިގްތިސާދީ ހަރަކާތްތަކަށް އަލުން ފަށައިގަނެވޭނެ މަގެއް ހޯދުމެވެ. ދައުލަތުގެ އާމްދަނީ ރަނގަޅު ކުރުމެވެ. އިތުރު ވަޒީފާތަކެއް ނުގެއްލި ސަލާމަތް ކުރުމެވެ.
މައުރޫފް ވިދާޅުވީ އިންޑަސްޓްރީ ހިނގައިގަންނަން ފުރުސަތު ދިން ނަމަވެސް މުވައްޒަފުންގެ ހައްގުތަކުގެ ކަންކަން އެއްވެސް ބަޔަކު ހަދާން ނައްތާލައިގެން ނުވާނެ އެވެ. އެ މީހުންނަށް ހައްގު މިންވަރު ކަށަވަރު ކޮށްދިނުމަކީ އިދާރާތަކުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ފެންނަނީ ކޮވިޑުގެ މިހާލަތާ ގުޅިގެން ސަރުކާރުން މުވައްޒަފުންގެ ހާލަތު ވަޒަން ނުކޮށް ހަމައެކަނި އިންޑަސްޓްރީއަށް ޓަކާ، ކުރަންޖެހޭ ކަންތައް ކުރާތަން. ދިވެހިން ވިޔަސް ބިދޭސިން ވިޔަސް ހެޔޮ. 12-14 ގަޑި އިރު މަސައްކަތް ކުރުވާ އުޖޫރަ ހަމައަށް ނުދޭ. އެކަން ބަލާނެ ފަރާތެއް ނެތް،" މައުރޫފް ވިދާޅުވި އެވެ.
ގިނަ ދިވެހިންގެ ވަޒީފާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން އޮތީ ޓޫރިޒަމާ ގުޅިލާމެހިފަ އެވެ. ރިސޯޓު މުވައްޒަފުންނާ މެދު ވެވޭ ކޮންމެ އިހުމާލަކީ މުޅި ރާއްޖޭގެ މަސައްކަތުގެ އާބާދީއަށް އެތައް ދިގު ޒަމާންތަކެއް ވަންދެން އެކަމުގެ އަސަރު ކުރާނެ ކަމެކެވެ. ވަޒީފާއަށް ނިކުންނަން ޒުވާނުން ބޭނުން ނުވުމާއި ޝައުގުވެރިކަން ކުޑަވުން ފަދަ އެތައް ކަމެއް ގޮސް ގުޅެނީ މިފަދަ ބޭއިންސާފުތަކާ އެވެ. އެ މީހުންގެ ހައްގުތަކަށް އަޅާނުލާ ވާނެ އެއްޗެއް ވާން ދޫކުރުމަކީ ކުޑަ އިހުމާލެއް ނޫނެވެ. ބަލިމަޑުކަމާ އެކު ޓޫރިޒަމް އަލުން ކޮޅަށް ނެގުމުގައި ރާއްޖެ ނަމޫނާ ދައްކާއިރު މުވައްޒަފުންގެ ހައްގުތަކުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. ޓޫރިޒަމްގެ ދިރުން ގުޅިފައި ވަނީ ދިވެހި މަސައްކަތްތެރިންނާ އެވެ. އެ ހަގީގަތް ބަދަލެއް ނުވާނެ އެވެ.