އިޓަލީ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު އޭސީ މިލާނުގެ ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް ހޯދައިފި އެވެ.

2011 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާކަން އިބްރަހިމޮވިޗް އަށް ލިބުނީ ވޯޓުލައިގެން ނެވެ.

އޮސްކާ ޑެލް ކަލްސިއޯ އެވޯޑުގެ ރަސްމިއްޔާތު މިއަހަރު ބޭއްވުނީ މިލާންގަ އެވެ. މިރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި، އެންމެ މޮޅު ކޯޗު އަދި ރެފްރީ ވެސް ހޮވި އެވެ.

އެންމެ މޮޅު ސެރިއާގެ ކުޅުންތެރިޔާގެ އެވޯޑުގެ އިތުރުން އެންމެ މޮޅު ބޭރު ކުޅުންތެރިޔާގެ އެވޯޑު ވެސް ލިބުނީ އިބްރަހިމޮވިޗް އަށެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑު ލިބުނީ މިދިޔަ އަހަރު އޭސީ މިލާނަށް އިޓަލީ ލީގު ކާމިޔާބު ކޮށްދިން މަސިމިލިއާނޯ އަލެގްރީ އަށެވެ.

އިޓަލީ ލީގުގެ އެންމެ މޮޅު ޑިފެންޑަރުގެ އެވޯޑު ވެސް ލިބުނީ އޭސީ މިލާނުގެ ކުޅުންތެރިއަކަށެވެ. މިއެވޯޑު ލިބުނީ އެކުލަބުގެ ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާ އަށެވެ. އެންމެ މޮޅު ސެރީބީގެ ކުޅުންތެރިޔާ އަށް ހޮވުނީ މިހާރު އޭސީ މިލާނުގެ ކުޅުންތެރިއެއް ކަމަށްވާ އެލް ޝަރާވީ އަށެވެ.

އެންމެ މޮޅު ކުލަބަކަށް ހޮވުނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އުދިނޭސީ އަށެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ އެކުލަބުގެ ސާމިރް ހެންޑޮވިޗް އަށެވެ. އިނގިރޭސި ގައުމީ ޓީމުގެ ކޯޗު އަދި ކުރީގެ އޭސީ މިލާން އަދި ޔުވެންޓަސް އަށް ކޯޗުކަން ކޮށްދިން ފަބިއޯ ކަޕެއްލޯ އަށް ވެސް މިރަސްމިއްޔާތުގައި ޚާއްސަ އެވޯޑެއް ދިނެވެ.