ދުނިޔޭގެ މަޝްހޫރު ޓެކް ކުންފުނިން ފޯރުކޮށްދޭ އޮންލައިން ހިދުމަތްތަކުގެ ތެރެއިން ބައެއް ބޮޑެތި ހިދުމަތްތަކަށް މުޅި ދުނިޔޭގައި ބުރޫ އަރައިފި އެވެ.

މުޅި ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން މިހާރު އެކަމާ މައްސަލަ ޖައްސަމުން ދާއިރު ބުރޫ އަރާފައިވާ ހިދުމަތްތަކުގެ ތެރޭގައި "ޖީ މެއިލް" އާއި "ޔޫޓިއުބް" އަދި "ގޫގަލް ޑްރައިވް" ހިމެނެއެވެ. އޭގެ އިތުރުންވެސް ބައެއް އިންޓާނަލް ހިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެ މައްސަލައިގައި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މިހާރުވެސް ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެތައް މިލިއަން ބައެއްގެ ހިދުމަތަށް ވަނީ ބުރޫ އަރާފައެވެ. އަދި ހިދުމަތްތަކަށް ބުރޫ އަރާފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުން ކަމަށްވުމުން ވަކި އެއް ސަރަހައްދެއްގައި އެކަނި ހިދުމަތަށް ބުރޫ އަރާފައި ނުވާކަން އެނގެއެވެ.

އެ އެޕްލިކޭޝަން ނުވަތަ ހިދުމަތްތައް ބޭނުންކުރާއިރު އެއްބައި ފަހަރަށް ޕޭޖް ނެތް ކަމަށް ގޫގަލް އިން ދައްކައެވެ. އަނެއްބައިފަހަރު ހިދުމަތް ދެވެން ނެތް ކަމަށް ގޫގަލް އިން ބުނެއެވެ.

ހިދުމަތްތަކަށް ބުރޫ އެރި މައްސަލައިގައި ގޫގަލް އިން އަދި ރަސްމީ ބަހެއް ދީފައެއް ނުވެއެވެ. އެހެންކަމުން ހިދުމަތްތަތަކަށް ބުރޫ އަރާފައިވާ ފަރާތްތަކަށް އެ ހިދުމަތްތައް އަލުން ލިބޭނެ އިރެއް ނޭނގެއެވެ.