އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުން މެންޗެސްޓާ ސިޓީގެ އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީ އަށް އަދަބުދިނުމުން، އޭނާގެ ދިފާއުގައި އެކުލަބުގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއެރޯ ވާހަކަ ދައްކައިފި އެވެ.

"އަހަރެމެން އެންމެނަށް އެނގޭ ބަލޮޓެލީގެ ހުނަރުވެރިކަން. ކުޅުމުގެ ބޭރުގައި ކޮންމެ ކުޅުންތެރިއެއްގެ ގެންގުޅޭ އަމަލުތައް މުޅިން ތަފާތުވާނެ. ބަލޮޓެލީ އާއި ގާތްކޮށް އުޅޭ މީހުންނަށް އެނގޭނެ އޭނާ އަކީ ހެޔޮ މީހެއްކަން. ކޮންމެ ކުޅުންތެރިއެކޭ އެއްގޮތަށް ބަލޮޓެލީ ވެސް ދަނޑުމަތީގައި ގެންގުޅެނީ މުޅިން ތަފާތު އަމަލުތަކެއް. ގިނަ މީހުންނަށް އެނގެނީ އޭނާ ދަނޑުމަތީގައި ގެންގުޅޭ އަމަލުތައް އެކަނި،" އަގުއެރޯ ބުންޏެވެ.

ދުވަސް ކޮޅަކަށް ފަހު، އަނެއްކާވެސް ބަލޮޓެލީގެ ވާހަކަތަކެއް ވަނީ ފެންމަތި ވެފައެވެ. އުމުރުން 21 އަހަރުގެ ބަލޮޓެލީ ވަނީ ޕްރެމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާ އާއި ދެކޮޅަށް މެންސިޓީ ކުޅެ 3-2 ލަނޑުން އެކުލަބު މޮޅުވި މެޗުގެ އެގާރަ މިނެޓް ތެރޭ މެންސިޓީ އަށް ފަހު ވަގުތު ކާމިޔާބީ ހޯދައިދިނުމަށް އެހީތެރިވެދީފަ އެވެ.

މީގެ އިތުރުން ވެސް މިމެޗުގައި ބަލޮޓެލީ ވަނީ ސްކޮޓް ޕާކާ އަށް ހަމަލާއެއް ދީފަ އެވެ. ޓީވީގެ ބައެއް ކެމެރާތަކުން ގަސްތުގައި ހަމަލާދިން ގޮތަކަށް ފެންނައިރު، އަނެއްބައި ކެމެރާތަކުން ދައްކަނީ އެއީ އޮޅުމަކުން ދެވުނު ހަމަލާއެއް ކަމަށެވެ. މިމައްސަލާގައި ގިނަ ބަހުސްތަކެއް ކުރެވިގެން ދެއެވެ.

ޓޮޓެންހަމް އާއި މެންސިޓީ ކުޅުނު މެޗުގެ ރެފްރީ ހޮވާޑް ވެބް އަށް މި މަންޒަރު އެންމެ ރަނގަޅަށް ނުފެނުމުގެ ސަބަބުން ބަލޮޓެލީ އަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ޕާކާ އަށް ބަލޮޓެލީ ދިން ހަމަލާގެ ވީޑިއޯ ބެލުމަށް ފަހު، އިނގިރޭސި އެފްއޭ އިން ވަނީ ބަލޮޓެލީ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފަ އެވެ.