ސްޕެއިންގެ މައްޝޫރު ފުޓްބޯޅަ ކްލަބް ބާސެލޯނާގެ ފޯވާޑް ލައޮނަލް މެސީ އޭނާގެ މުސާރަ ކުޑަކުރަން އެއްބަސް ނުވެއްޖެނަމަ ބާސާއިން ބޭރު ކުރާނެ ކަމަށް އެ ކްލަބުގެ ރިޔާސީ ކެންޑިޑޭޓް އެމިލީ ރުސާޑް ބުނެފިއެވެ.

މިދިޔަ އޮކްޓޯބަރު މަހު ބާސާގެ ރައީސް ޖޯސެފް މަރިއާ ބާޓަމިއު އިސްތިއުފާދިނުމުން، އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ އެ ކްލަބުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ރުސާޑް ވަނީ މުސާރަ ކުޑަކުރުމާމެދު މެސީއާ މަޝްވަރާ ކުރާނެ ކަމަށް ބުނެފައެވެ.

"މިހާރު ކަންތައްތައް މި އޮތް ގޮތުން އެއީ ދެމެހެއްޓޭނެ ކަމެއް ނޫން،" އޭއާރްއޭ އާ ވާހަކަ ދައްކަމުން ރުސާޑް ބުންޏެވެ. "އަހަރުމެން މެސީގެ ފަރާތުން އެކަމަށް އެދެން ޖެހޭނީ. އެގްރީމަންޓަކަ ހަމައަށް ނުދެވިއްޖެއްޔާ މެސީ ޖެހޭނީ ކްލަބް ދޫކޮށް ދާން،" އޭނާ ބުންޏެވެ.

ރުސާޑް ބުނީ މެސީއަކީ ބާސާގެ ތާރީޚުގައިވެސް އެންމެ ފާހަގަ ކޮށްލެވޭ ސޮފްހާތައް ލިޔެފައިވާ އެއް ކުޅުންތެރިޔާ ކަމަށެވެ. އަދި ކްލަބުގެ ލެޖެންޑުންނަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި، ނަމަވެސް ހަގީގަތް ވާނީ ހަގީގަތަށް ކަމަށް ރުސާޑް ވަނީ ބުނެފައެވެ.

"އަހަރެން ގަބޫލުކުރާގޮތުގައި ހަގީގަތާ އެއްގޮތަށް ވާހަކަ ދައްކަން ޖެހޭނީ. މެންބަރުންނަށް އޮޅުވާލުން އެއީ އަހަރެން ތާއީދު ކުރާ ކަމެއް ނޫން. މެސީ ބާސާގައި ބަހައްޓަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން، އެކަމު އެގޮތަށް ކަންތައް ކުރިއަސް އެންމެ ފުރަތަމަ އަންނަންޖެހޭނީ މި ކްލަބު،" ރުސާޑް ބުންޏެވެ.

މެސީ ވަނީ ބަސާ އެންމެ ފަހުން ލެވަންޓޭއާ ދެކޮޅަށް ކުޅުނު ސްޕެއިންގެ ޕްރިމޭރާ ޑިވިޝަން މެޗުގައި ބާސާގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީ، އެ މެޗުގެ ތިން ޕޮއިންޓް ޓީމަށް ހޯދަދީފައެވެ. އޭނާ ލަލީގާގައި މިހާތަނަށް 449 ލަނޑު ބާސާއަށް ކާމިޔާބު ކޮށްދީފައި ވައިރު، 450 އަށް އޭނާ އެ އަދަދު އަރުވައިފިނަމަ އޭނާ ވެގެން ދާނީ ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ފަސް ލީގުގައިވެސް އެއް ކްލަބަކަށް އެ އަދަދަށް ލަނޑު ކާމިޔާބު ކޮށްދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ.