14 Dec 2020, 16:59
ކޮވިޑް19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ލަންކާގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުމ ޑރ. ހެމަންތާ ހެރާތު އާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ ޑެއިލީ މިރާގައި ބުނެފައި ވަނީ، ބަލީގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭނެ ކަމަށް މިދިޔަ ހަފްތާގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ، ރާއްޖޭގެ އެހީތެރިކަމަށް ލަންކާ ސަރުކާރުން އެދިފައި ވަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ލަންކާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށެވެ.
ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން ސްރީލަންކާއިން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދަން ޖެހޭ ކަމަށް އެގައުމުން ވަނީ ކަނޑައަޅައިފަ އެވެ.
އެގައުމުގެ މުސްލިމުން ދެކޮޅު ހެދުމުން ވެސް ސަރުކާރުން އަންނަނީ މުސްލިމުންގެ ހަށިތައް އަންދަމުންނެވެ. އެ މައްސަލައިގައި އެ ގައުމުގެ މުސްލިމުންނާ ސަރުކާރާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
އެހެންކަމުން އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގްސަދުގައި، އަދި ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ލަންކާގެ ރައީސްގެ ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ސޯލިހު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ލަންކާ ސަރުކާރުން ބުނީ ރާއްޖޭގެ ވަކި ރަށެއްގައި ލަންކާ މުސްލިމުން ވަޅުލައިދޭނެ ކަމަށް ފޮރިން މިނިސްޓްރިން އަންގާފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން، އެއީ ކިހާ ފީސިބަލް ކަމެއްތޯ ބަލައި ގައިޑްލައިންތައް އެކުލަވާލުމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީއަށް މިހާރު އަންގާފައިވާ ކަމަށެވެ.
ޑރ. ހެމަންތަ ވިދާޅުވީ ލަންކާގެ ހެލްތު މިނިސްޓްރީން ގައިޑްލައިންތައް ތައްޔާރުކުރުމަށް ފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ.