14 Dec 2020, 14:47
ދެވަނަ ރާޅާއެކު ލަންކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 14،000 އިން މައްޗަށް އަރައިފި އެވެ.
ލަންކާގެ ނެޝެނަލް އޮޕަރޭޝަން ސެންޓާ ފޯ ޕްރިވެންޝަން އޮފް ކޮވިޑް 19 (އެންއޯސީޕީސީ)އިން ބުނީ އޮކްޓޫބަރު މަހު ލަންކާއަށް އެރި ކޮވިޑްގެ ދެވަނަ ރާޅާއެކު މިހާތަނަށް 14،551 އެއް މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އަދި އިއްޔެވެސް ކޮލަމްބޯއިން 444 ކޮވިޑް ކޭސް ފެނިފައިވާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ލަންކާގެ ގަމްޕަހާއިން 75 ކޭސް ފެނުނުއިރު އަމްޕަރާއިން 41 ކޭސް އަދި ކުރުނެގަލާއިން 22 ކޭސް އަދި ކަލުތަރާއިން19 ކޭސް ފެނިފައިވެ އެވެ.
ލަންކާއިން މިފަހުން ކޭސްތައް ފެނުނީ ދެ ކްލަސްޓާއަކުންނެވެ. އެއީ މިނުވަންގޮޑާ ފެކްޓްރީއަކާއި މަސް މާރުކޭޓަކުން ފެނުނު ކްލަސްޓާއަކުންނެވެ.
އާ ކޭސްތަކާއެކު ޖުުމްލަ 32،789 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ބަލީގައި 152 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން ދެވަނަ ރާޅުގައި 132 މީހުން މަރުވި އެވެ.
ލަންކާގެ ޖަލުތަކުން 3000 މީހުންނަށް ކޮވިޑް ޖެހުނުއިރު ހަތަރު މީހަކު މަރުވި އެވެ.
ލަންކާގައި ކޮވިޑް ކޮންޓްރޯލް ކުރުމުގެގޮތުން އެގައުމަށް އެތެރެވާ މީހުންވެސް ޕީސީއާރު ޓެސްޓުތައް ދަނީ ކުރަމުންނެވެ. އަދި އެ މީހުން ބައިތިއްބަނީ މިލިޓަރީން ހިންގާ ކަރަންޓީނު ފެސިލިޓީތަކުގަ އެވެ.-- ކޮލަމްބޯ ގެޒެޓް/ ޑެއިލީ މިރާ