25 Jan 2012, 09:45
އެއީ ހުވަދު އަތޮޅުގެ ރަށެއްގެ އުމުރުން އެންމެ 12 އަހަރުގެ އަންހެން ކުއްޖެކެވެ. އަހަރެން އެ ރަށަށް ދިޔައިރު އަންހެން ކުއްޖާ ރަށު ސްކޫލްގެ ގްރޭޑް ފަހެއްގައި ކިޔަވަމުން ދިޔައަސް މިހާރު ތައުލީމީ ހަޔާތް "ނިންމާލައިފި"އެވެ.
އެ އަންހެން ކުއްޖާގެ ވާހަކަ ރަށުގައި ވަރަށް މަޝްހޫރެވެ. އުމުރުން 37 އަހަރުގެ އަންހެނެއްގެ ނުފޫޒުގައި ހަށި ވިއްކުމުގެ ވިޔަފާރީގެ ތެރެއަށް އެ ކުއްޖާ ޣަރަގުވެފައިވާ ވާހަކަ މީހުން ކިޔައިދެ އެވެ. އަންހެން މީހާ އެ ކުއްޖާ މެދުވެރިކޮށް ބިދޭސީން އަތުން ފައިސާ ހޯދާ ވާހަކަ އެވެ. ރަށަށް އަރާ ބީރައްޓެހިންނަށް އެ ކުއްޖާ "ވިއްކާ" ވާހަކަތަކެވެ. މިކަހަލަ ކުދިން ތިބި ހަތަރު ރަށަކަށް ކައިރިކައިރީގައި ދެވިއްޖެ އެވެ.
އެ ރަށް ރަށުގެ ބައެއް މީހުން ބުނަނީ އެއީ ބަޔަކު "ލޯމަރާލައިގެން" ތިބެ ހިންގާ ޖަރީމާއެއް ކަމަށާއި އަޅައިލަން ޖެހޭ މީހުން އަޅައި ނުލައިންޏާ އެހެން ބަޔަކު އަޅައިލުމުގެ މާނައެއް ނެތް ކަމަށެވެ.
"މައިންބަފައިނާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ވެސް އެއީ ވަމުންދާ ކަމެއް ކަން އެނގޭނެ" ހުވަދު އަތޮޅުގެ ރަށުގެ މީހަކު ބުންޏެވެ.
އެއް ރަށެއްގެ ބައެއް މީހުން ބުނި ގޮތުގައި އެ ރަށުގައި ހަށިވިއްކުމަށް ކުޑަ އަންހެން ކުއްޖަކު "ވިއްކާ"ތާ އަހަރެއް ވެދާނެ އެވެ. ނަމަވެސް އެއްވެސް ބައެއްގެ ސަމާލު ކަމަކަށް މީހުން އެކަމެއް ނުގެންދެ އެވެ. ހަމައެކަނި އޮންނަނީ އެވާހަކަ އިން މަޖާ ކުރުމެވެ.
ހުވަދު އަތޮޅުގެ ރަށުގައި ކުޑަ އަންހެން ކުއްޖާގެ ވާހަކައިގެ ތެރެއަށް ވަދެވުނީ ހަށިވިއްކުމުގެ ވާހަކައިގެ ތެރެއަކުންނެއް ނޫނެވެ. ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެ ރަށުން ބަޔަކު ހައްޔަރު ކުރި ހިސާބުންނެވެ.
"މިފަހަރު ލިބުނު ލާރިކޮޅު ބެހި އިރު [އަންހެންކުއްޖާއަށް] ލިބުނީ އެންމެ 20ރ. އެހެންވެ ނައްޓައިގެން ފުލުހަށް ދިޔައީ. އަދި މިހުރިހާ ވާހަކަތަކެއް [ހަށިވިއްކުމަށް އޭނަ ބޭނުންކުރާ ވާހަކަ] ވެސް ކިޔައިދިނީ. [ފުލުހުންނަށް]" އެރަށުގެ މީހަކު ކިޔައިދިނެވެ.
ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓްގެ ހެޑް، ސުޕްރިންޑެންޓް އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ކުޑަކުދިންގެ އެފަދަ ކުށްތައް އެންމެ ގިނައިން ހިނގަނީ މާލޭގައި ކަމަށެވެ. ނަމަވެސް ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ ގޯސްވެފައިވާ މި މައްސަލައަކީ ރާއްޖޭގައި ހިންގާ އަމަލެއް ކަމަށާއި އަތޮޅުތަކުގެ ކުދި އާބާދީތައް އޮންނަ ރަށްތަކުގައި ލޯމަރައިގެންގެ ތިބެ، މިކަންކަން ކުރާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެފަދަ މައްސަލަތައް މަދުން ނަމަވެސް އެބަ ހުށަހަޅާ. އެފަދަ މައްސަލަތަކަކީ ވަރަށް ސީރިއަސްކޮށް އަޅުގަނޑުމެން ބަލާ މައްސަލަތައް،" ފުލުހުންގެ މީޑީއާ އޮފިޝަލު ވިދާޅުވި އެވެ.
ދެވުނު އެހެން ރަށެކެވެ. ހަށިވިއްކާ ކުޑަ އަންހެން ކުއްޖަކު އެކަން ކުރަމުންދާކަން އާއިލާއަށް ވެސް އެނގެ އެވެ. ބަދުއަހުލާގީ އަމަލު ހިންގަމުންދަނިކޮށް ކުއްޖާގެ މަންމައަށް ވެސް ފެނުނެވެ. އެއްވެސް ކަމަކަށް އެކަމެއް ނުވެ އެވެ.
"އެ ކުއްޖާ 'އެ މަސައްތުގައި' އަދިވެސް އެބައުޅޭ،" އެރަށުގެ މީހަކު ބުންޏެވެ.
އަތޮޅުތަކުގެ ރަށްރަށުގައި މިފަދަ އަންހެން ކުދިންގެ ވާހަކައަކީ ވަރަށް އާންމު ވާހަކަ އެވެ. އެ ރަށްރަށުގެ ބައެއް މީހުން ކިޔައިދޭ ގޮތުގައި އެ ކުދިން ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށްގެންދަނީ އެކިކަހަލަ ނޫޒުތަކުގެ ތެރެއިން ފައިސާ ހޯދުމަށް ކަމަށެވެ.
ދެވުނު އެއް ރަށެއްގައި އުޅޭ އެފަދަ ކުޑަ އަންހެން ކުއްޖަކާބެހޭ ގޮތުން އެރަށުގެ މީހަކު ކިޔައި ދިނެވެ:
"މިހާރު އެއީ އުމުރުން 18 އަހަރުގެ ކުއްޖެއް. އެކަމަކު އެ އުމުރަށް އޭނާ ދިޔައީ ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރުން ފެށިގެންގެން ވެސް އެކަމުގެ ތެރޭގައި. އެއީ އޭނަގެ ބިޓު އޭނައަށް ޖެއްސި ހާލެއް ކަމަށް ބުނަނީ،"
މިކަހަލަ ބައިވަރު ކުދިން ކުދިކުދި ރަށްރަށުގައި އުޅެ އެވެ. މީހުންގެ ސަމާލުކަން އެކަންކަމަށް އޮތަސް ކަމާބެހޭ ފަރާތަކުގެ ސަމާލު ކަމަކަށް ނުދެ އެވެ.