14 Dec 2020, 14:59
ސްޕެއިންގެ ޕްރިމޭރާ ޑިވިޝަންގައި ލެވާންޓޭއާ ދެކޮޅަށް ރޭ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ލަލީގާގައި ބާސެލޯނާއަށް ހިންދެމިލަން ފުރުސަތެއް ލިބިއްޖެ އެވެ.
މިހާތަނަށް ކުޅުނު 11 މެޗުން 17 ޕޮއިންޓް ހޯދި ބާސާ މިހާރު ލީގު ތާވަލްގައި އޮތީ އަށް ވަނައިގަ އެވެ. މި ސީޒަން ފެށުމުގައި ވޭތުވެދިޔަ 30 އަހަރު ނުދާހާ ދަށަށް ބާސާ ގޮސްފައި ވާއިރު، ރޭގެ ކާމިޔާބީއަކީ ލީގުގައި ބާސާއަށް ލިބުނު އާ ހިތްވަރަކަށް ވެގެން ދާނެއެވެ. ލީގުގައި ބާސާގެ ޕަރފޯމެންސް އެހާ ރަނގަޅު ނޫންކަމުގައި ވިނަމަވެސް، ޗެންޕިއަންސް ލީގުގައި އެ ޓީމް ދެވަނަ ބުރަށް ގޮސްފައި ވަނީ ގްރޫޕް ޖީ ގެ ދެވަނަ ހޯދައިންނެވެ.
ރޭގެ މެޗުގައި ބާސާގެ ސަރޖިއޯ ބުސްކެޓްސް އާއި ފިލިޕް ކޫޓީނިއޯ ފަދަ ތަޖުރިބާކާރު ކުޅުންތެރިން ފުރަތަމަ އެގާރައިން ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ މިނެޓުގައި ސަރޖީނޯ ނެގި ހުރަހަކުން ކޫޓީނިއޯ ވަނީ ބާސާގެ ފުރަތަމަ ހަމަލާގައި ލެވަންޓޭގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނަމަވެސް އޭގެ ވަގުތުކޮޅެއް ފަހުން ލެވަންޓޭގެ ޖޯޖް ޑީ ފްރޫޓޯސް ވަނީ ބާސާގެ ކީޕަރަށް ނުރައްކާތެރި ޝޮޓެއް ދިފާއުކުރަން ޖައްސާފަ އެވެ.
ފުރަތަމަ ހާފްގައި ބާސާގެ މާޓިން ބްރެތްވެއިޓް އާއި ގްރިޒްމަން ލެވާންޓޭގެ ގޯލަށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައި ވާއިރު، ލެވަންޓޭގެ ޑެނީ ގޮމޭޒް ދިން ޕާހުން ރޮޖަރ މަރޓީވެސް ވަނީ ބާސާގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.
ބާސާއަށް ލީޑު ނަގަން ލިބުނު އެންމެ ރަނގަޅު އެއް ފުރުސަތުގައި މެސީ ހިލޭ ޖެހުމަކުން ނަގައިދިން ބޯޅަ ގްރިޒްމަން ބޮލުން ފޮނުވާލިއިރު އެ ހަމަލާ ލެވަންޓޭގެ ކީޕަރު ފެނާންޑޭޒް މަތަކުރިނަމަވެސް، ރީބައުންޑްގައި ބާސާގެ ކްލެމެންޓް ލެންގްލެޓް ފޮނުވާލި ހަމަލާ ވަނީ ހުރަސް ދަނޑިމަތިން ބޭރުވެފަ އެވެ.
ދެވަނަ ހާފް ފެށިގެން ބާސާއިން ވަނީ ލެވަންޓޭއަށް ޕްރެޝަރކޮށް، އެ ޓީމަށް ޑިފެންސިވް ގޭމެއް ކުޅެން ޖައްސާފަ އެވެ. ނަމަވެސް ބާސާއިން ބޯޅަ ހިފައްޓައިން ހަމަލާތައް އުފައްދަން މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށް ސީދާ ލީޑު ނަގަން ލިބުނު ފުރުސަތުތައް ކުޅުނު ކުޅުމާ ބަލާއިރު މަދެވެ.
މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ގޯލް ބާސާއަށް ކާމިޔާބު ކޮށްދިނީ 76 ވަނަމިނެޓުގައި މެސީ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޑިޔޮންގް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ގޯލްގެ ދުރު ކަނަށް ފޮނުވާލި ބަރު ޝޮޓަކުންނެވެ.