ކޮވިޑް19 ޖެހިގެން އަވަށްޓެރި ސްރީލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭނެކަމަށް ދިވެހި ސަރުކާރުން ލަންކާ ސަރުކާރަށް އަންގާފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން ސްރީލަންކާއިން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދަން ޖެހޭ ކަމަށް އެގައުމުން ވަނީ ކަނޑައަޅައިފަ އެވެ.

އެކަމާ ގުޅިގެން ލަންކާގެ މުސްލިމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. އަދި މައްސަލައިގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ.

ލަންކާގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުމ ޑރ. ހެމަންތާ ހެރާތު އާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ ޑެއިލީ މިރާގައި ބުނެފައި ވަނީ، ބަލީގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭނެ ކަމަށް މިދިޔަ ހަފްތާގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ

އަދި އެކަމާ ގުޅިގެން، އެއީ ކިހާ ފީސިބަލް ކަމެއްތޯ ބަލައި ގައިޑްލައިންތައް އެކުލަވާލުމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީއަށް މިހާރު އަންގާފައިވާ ކަމަށެވެ.

ޑރ. ހެމަންތަ ވިދާޅުވީ ރާއްޖެއިން އެކަމަށް ހުށަހެޅީ ރާއްޖެއަކީ ކުދި ރަށްތަކަކަށް އެކުލެވޭ ޖަޒީރާ ގައުމަކަށް ވާތީ، ލަންކާއަށް ދިމާވާ ފަދަ މައްސަލަތައް ކުރިމަތި ނުވާނެތީ ކަމަށެވެ.

އަދި ދިވެހި ސަރުކާރުން ހުށަހެޅީ ރާއްޖޭގެ ކޮންމެސް އެއް ރަށެއްގައި ލަންކާގެ މުސްލިމުން ވަޅުލައިދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑރ. ހެމަންތަ ވިދާޅުވީ ލަންކާގެ ހެލްތު މިނިސްޓްރީން ގައިޑްލައިންތައް ތައްޔާރުކުރުމަށް ފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ.

"މީ ކިހާ ޕްރެކްޓިކަލް ކަމެއް ކަން އެނގޭނީ ދިރާސާކުރުމަށް ފަހު. ކަމާ ގުޅޭ ދިރާސާތައް ކުރުމަށްފަހު ބުނެވޭނީ އަދި މިކަން ކުރެވޭނެ ކަން ނުވަތަ ނޫންކަން،" އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.