ވޮޝިންޓަން (ނޮވެމްބަރު 14) : އެމެރިކާގައި ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ދޭން ފަށާފައިވާއިރު ވެކްސިން އެންމެ ފުރަތަމަ ދޭ މީހުންގެ ލިސްޓުގެ ކުރީގައި އުޅެނީ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އާއިލާގެ އިތުރުން ވައިޓްހައުސްގެ އިސް މަސްއޫލުވެރިން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ވައިޓް ހައުސްގެ މަސްއޫލުވެރިއަކު ވިދާޅުވީ ވެކްސިން އެންމެ ފުރަތަމަ ދޭ މީހުންގެ ލިސްޓުގެ ކުރީގައި ޓްރަމްޕްގެ އިތުރުން ވައިޓްހައުސްގެ އިސް މަސްއޫލުވެރިން ހިމެނޭ ކަމުގައެވެ. މިއާއެކު އުމުރުން ދުވަސްވީ މީހުންނާއި، އެހެންބަލިތައް ޖެހިފައިވުމުގެ ސަބަބުން ސިއްހަތަށް ނުރައްކާވެފައިވާ މީހުންނާއި، ސިއްހީ ދާއިރާގައި މަސައްކަތް ކުރާމީހުންވެސް ހިމެނެނީ ވެކްސިން އެންމެ ފުރަތަމަ ދޭ މީހުންގެ ލިސްޓުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ވައިޓް ހައުސްގެ ނަން ހާމަކުރަން ނޭދޭ މި މަސްއޫލުވެރިއާ އާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ވައިޓް ހައުސްގެ މަސްއޫލުވެރިންގެ އިތުރުން ވެރިރަށް ވޮޝިންޓަނާއި އެމެރިކާގެ އެހެން ސްޓޭޓްތަކުގައިވާ ފެޑްރަލް ސަރުކާރުގެ މުވައްޒަފުންނާއި މަސްއޫލުވެރިންވެސް ހިމެނެނީ ވެކްސިން އެންމެ ފުރަތަމަ ދޭ މީހުންގެ ލިސްޓްގައެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އިދާރާ ބުނާގޮތުން އެމެރިކާގެ އާންމު ރައްޔިތުންނަށް ވެކްސިން ދޭންޖެހޭނީ ފެޑްރަލް ސަރުކާރުގެ އިސްވެރިންގެ ގަޔަށް ވެކްސިން ޖެހުމަށްފަހު ވެކްސިންގެ ރައްކާތެރިކަން މުޅިން ކަށަވަރުވުމުންނެވެ. މިކަމަށް ފާޑުކިޔާ ފަރާތްތަކުންވަނީ މިއީ ފެޑްރަލް ސަރުކާރުގެ އިސްވެރިން ކޮވިޑް ވެކްސިން އަވަހަށް ޖެހުމަށް ދައްކާ ބަހަނާއެއްކަމަށް ސިފަކޮށްފައެވެ.

އެމެރިކާގެ 16 މިލިޔަނަށްވުރެ ގިނަމީހުންނަށް ކޮވިޑް ޖެހި އޭގެތެރެއިން 3 ލައްކަ މީހުން އެބަލީގައި މަރުވެފައިވާއިރު ކޮވިޑް އާ ދެކޮޅަށް ދޭ ވެކްސިން އެންމެ ފުރަތަމަ ސަރުކާރުގެ ބޮޑުންނަށް ދިނުމަކީ އާންމު ރައްޔިތުންނަށް ވެވޭ ޚިޔާނާތެއްކަމަށް ބައެއް ފަރާތްތަކުންވަނީ ސިފަކުރަން ފަށާފައެވެ. ސިއްހަތާ ގުޅޭކަންކަމުގައިވެސް އާންމު ރައްޔިތުން އެންމެ ފުލަށް ލައި ވެރިންނަށް އިސްކަން ދިނުމަކީ އެމެރިކާ ޕްރޮމޯޓްކުރާ ޑިމޮކްރަސީގައި އޮންނަގޮތްތޯވެސް ވަނީ ސުވާލު އުފައްދާފައެވެ.

އެމެރިކާގައި ކޮވިޑް -19 އާ ދެކޮޅަށް ބޭނުން ކުރަނީ އެމެރިކާގެ ފައިޒާއާއި ޖަރުނަމުގެ ބައޮއެންޓެކު ކުންފުނިން އީޖާދުކޮށްފައިވާ ވެކްސިން BNT162b2 އެވެ. މިވެކްސިންގެ ޑޯޒުތައް އެމެރިކާގެ ސްޓޭޓްތަކަށް ފޯރުކޮށްދިނުމުގެ ބޮޑު އޮޕަރޭޝަން ހިންގުމަށް ހަމަޖެހިފައިވަނީ އެމެރިކާ ސިފައިންގެ ލަޝްކަރުތަކުގެ އެހީތެރިކަމުގައެވެ. (އެމެރިކާގެ މިޑިއާ)