25 Jan 2012, 09:21
ލަންޑަން (ޖަނަވަރީ 25) : ޢަރަބި އަދި އިސްލާމީ ޤައުމުތަކުގައި ޙަރަކާތްތެރިވާ އިސްލާމީ ސިޔާސީ ޖަމާއަތްތައްދެކެ ބިރު ނުގަތުމަށާއި އެ ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކުރުމަށް އިންސާނީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ "އެމްނެސްޓީ އިންޓަރނޭޝަނަލް" އިން ހުޅަނގުގެ ޤައުމުތަކަށް ގޮވާލައިފި އެވެ.
"އެމްނެސްޓީ"ގެ އަހަރީ ރިޕޯޓްގައި އެމެރިކާއަށާއި ޔޫރަޕްގެ ޤައުމުތަކަށް ގޮވާލާފައި ވަނީ ޢަރަބި ޤައުމުތަކާއި އިސްލާމީ ޤައުމުތަކުގެ ޚުދުމުޚްތާރު ނިޒާމުތަކަށް ތާއީދުކޮށް އެހީތެރިވުމުގެ ބަދަލުގައި އެޤައުމުތަކުގެ އިސްލާމީ ޖަމާޢަތްތަކާ މުޢާމާލާތްކުރަން ދަސްކޮށް އިސްލާމީ ޚިޔާލުގެ ޖަމާއަތްތަކާ މެދު ޒަމާނުއްސުރެ ގެންގުޅޭ ބިރު ފިލުވާލައި ޢަރަބި އަދި އިސްލާމީ ދުނިޔޭގެ ސިޔާސީ މަސްރަޙުގައި ބަދަލުވަމުންދާ ޙަޤީޤަތް ޤަބޫލުކުރުމަށެވެ.
މި ރިޕޯޓްގައި "އެމްނެސްޓީ"ގެ އެގްޒެކެޓިވް ޑައިރެކްޓަރު ކެނެޓް ރުތް ވިދާޅުވެފައި ވަނީ އިސްލާމީ ސިޔާސީ ޖަމާއަތްތައް ޑިމޮކްރެޓިކް ނިޒާމުގެ ދަށުން ޢަރަބި ބައެއް ޤައުމުތަކުގެ ވެރިކަމަށް އަންނަން ފަށާފައިވާ ކަމަށާއި އިސްލާމީ ޖަމާއަތްތައްދެކެ ބިރުގަނެގެން އަމިއްލަ މަސްލަޙަތު ވެސް ދެން ހުޅަނގަށް ޙިމާޔަތް ނުކުރެވޭނެ ކަމުގައެވެ.
މިރިޕޯޓްގައި ރުތް ވިދާޅުވީ އިސްލާމީ ސިޔާސީ ޖަމާއަތްތަކަކީ މިއަދު ޢަރަބި ޤައުމުތަކުގެ ރައްޔިތުންގެ ޙަޤީޤީ ތާއީދުއޮތް ޑިމޮކްރެޓިކް ބާރުތައް ކަމަށާއި މިޙަޤީޤަތް ޤަބޫލުކުރުން ނޫން ގޮތެއް ހުޅަނގަށް ނެތް ކަމުގައެވެ. އޭނާ ވިދާޅުވީ ޢަރަބި ޤައުމުތަކުގައި ވެރިކަން ކުރާ ލާދީނީ ޓޮޓަލިޓޭރިޔަން ނިޒާމުތައް ފޭލްވެއްޖެ ކަމާއި އެ ނިޒާމުތަކުގެ ބަދަލުގައި ވެރިކަމަށް ކުފޫހަމަވާ ބަޔަކަށް ދެންތިބީ އިސްލާމީ ސިޔާސީ ޖަމާޢަތްތައް ކަމަށް ޢަރަބި ޤައުމުތަކުގެ ގިނަރައްޔިތުން ޤަބޫލުކުރާތަން މިހާރު ފެންނަމުންދާ ކަމުގަ އެވެ.
އެހެންކަމުން ހުޅަނގާއި މުޅި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އަމާޒަކަށްވާން ޖެހޭނީ ޑިމޮކްރަސީއާ ގުޅުންނެތް ފަރުދީ ޓޮޓަލިޓޭރިޔަން ނިޒާމުތަކާ ދުރަށް ގޮސްޑިމޮކްރަސީއާ ރަޙްމަތްތެރި އިސްލާމީ ސިޔާސީ ޖަމާއަތްތަކާއި އިސްލާމީ ޕާޓީތަކާ ގާތްވެ ގުޅުންތައް ބަދަހިކޮށް އެ ޖަމާއަތްތަކަށް އެހީތެރިވެ އެއްބާރުލުން ދިނުންކަމަށް "އެމްނެސްޓީ"ގެ ވެރިޔާ އެ ޖަމްޢިއްޔާގެ އަހަރު ރިޕޯޓްގައި ލިޔުއްވާފައިވެ އެވެ.
ހުޅަނގުގެ ތާއީދު ލިބިގެން ޢަރަބި ބައެއް ޤައުމުތަކުގައި ވެރިކަން ކުރި ޚުދުމުޚްތާރު ލާދީނީ ޓޮލަލިޓޭރިޔަން ނިޒާމުތަކުގެ ތެރެއިން މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ނިޒާމާއި ތޫނިސްގެ ޒައިނުލްޢާބިދީން ބިން ޢަލީގެ ނިޒާމު ރައްޔިތުންގެ އުތުރިއެރުންތަކުގައި ވަނީ ވައްޓާލާފަ އެވެ.
މިފަދަ ޑިކްޓޭޓަރުންނަށް ހުޅަނގުން އެހީތެރިވީ އިސްލާމީ "ހަރުކަށި" ކަމާ ދެކޮޅަށް ހަނގުރާމަކުރާތީ ކަމަށް ހުޅަނގުން ދެކޭ އިރު ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙްގެ ޚުދުމުޚްތާރު ނިޒާމާދެކޮޅަށް ރައްޔިތުން އުތުރިއަރަމުންދާ އިރުސާލިޙްގެ ނިޒާމާ މެދު ހުޅަނގުން އަދިވެސް ދެކެނީ އެއީ އަލްޤާޢިދާ ޖަމާޢަތުން ސަލާމަތްވުމުގެ "ފާރެއް" ކަމަށާއި ބަޙްރައިންގެ ޚުދުމުޚްތާރު ނިޒާމާ ދެކޮޅަށް ރައްޔިތުން ތެދުވާއިރު ވެސް އެއީ އީރާން އަޑީގައި އޮވެގެން ކުރުވާ ކަމެއްކަމަށް ދެކެ ބަޙްރައިންގެ ނިޒާމާ މެދުވެސް ހުޅަނގުން ސްޓޭންޑެއް ނެގުމަށް ފަސްޖެހޭކަމަށް އެމްނެސްޓީގެ ރިޕޯޓް ބުނެ އެވެ. (ރޮއިޓާސް)