ހަފްތާގެ ކޮންމެ ދުވަހަކު ކާލަންވިޔަސް "ޕާނަކީ" ގޭގައި ހުރުން ހަމަ ކޮންމެހެން މުހިންމު އެއްޗެކެވެ. ހެނދުނު ސަޔަށް ބަޓަރާއި ޖޭމާއި އެކު ކާލަންވިޔަސް، އޮފީހަށް ގެންދަން ސޭންޑްވިޗެއް ހަދާލިޔަސް ނޫނީ ރޮށްޓާއި ބަތް ނުކައްކާ ފަރުޖައްސާލަންވިޔަސް މިއީ ހަމަ އަހަރެމެން ދިވެހިންނަށް "މަސްޓް ހޭވް" އެކެވެ.

އެކަމަކު މިވަރަށް ޕާން ކާ އިރުގައިވެސް ދިމާވާ ވަރަށް ބޮޑު މައްސަލައެއް އެބައޮތެވެ. އެއްދުވަހުން ބޮޑު ޕާނެއް ހުސްނުވާ ގެތަކުގައި މި ޕާން ފަހަށް ބަހައްޓަނީ ކިހިނެއްބާ އެވެ. ކޮތަޅަކަށްލާ އައްސާފައި ބަދިގޭގައި ބާއްވާނީ ބާ އެވެ. މަތިޖެހޭ ތަށްޓެއްގައި ބަހައްޓަނީ ހެއްޔެވެ؟ ނޫނީ ފްރިޖުގައި ބަހައްޓަނީ ހެއްޔެވެ؟

މިކަމުގައި މާބޮޑު ހަރުކަށި ގަވާއިދެއް ނެތެވެ. އާންމު އުސޫލަކީ ގިނަ ދުވަހު ބަނަހާއި ޕާން ތާޒާކަންމަތީ ބަހައްޓަން ބޭނުންނަމަ ބަހައްޓަންޖެހެނީ ރަނގަޅަށް ވައި ބަންދުކުރެވިފައިވާ އެއްޗެއްގައި ކަމެވެ. އަދި އެންމެ ރަނގަަޅީ ތެތްކަމެއް ނެތް އެހެންނަމަވެސް މާ ހޫނުގަދަ ތަނެއްގައިވެސް ނުބެހެއްޓުމެވެ.

އެކި ގެތަކުގައި ބަދިގެތައް ފަރުމާކުރެވިފައި ހުންނާނީ ތަފާތުކޮށެވެ. އެހެންކަމުން މި ގޮތްތަކުގެ ތެރެއިން އެމީހެއްގެ ބަދިގެއަށް އަދި އެމީހަކަށް އެންމެ ފަސޭހަ ރަނގަޅު ގޮތެއް އިހުތިޔާރު ކޮށްލާށެވެ.

ކައުންޓަރެއްގެ މަތީގައި ޕާން ބެހެއްޓުން

މިއީ އެންމެ ގިނަ ބަޔަކަށް އެންމެ ފަސޭހަ ގޮތަށް ވެދާނެ އެވެ. ނަމަވެސް މިއީ އެންމެ ރީތި އަދި ހިތްގައިމު ގޮތް ނޫންކަންވެސް ގިނަ ބަޔަކު ދަންނާނެ އެވެ. އެހެންނަމަވެސް ޖާގައިގެ ގޮތުން މާ ބައިވެރު ގޮތްތަކެއް އިޚްތިޔާރު ކުރެވެން ނެތްނަމަ މިގޮތްވެސް ހަމަ އެންމެ ރަނގަޅެވެ. އެކަމަކު އާންމުކޮށް އެއްޗެހި ކޮށައި ތައްޔާރުކުރަން ހުންނަ ދިމާލެއްގައި ބެހެއްޓުން އެހާ ބުއްދިވެރި އެއް ނޫނެވެ.

އަދި ހާޢްސަކޮށް ފްރިޖު މަތީގައި ޕާން ބެހެއްޓުމަކީ ހަމަ އެއްވެސް ވަރަކަށް ރަނގަޅު ގޮތެއް ނޫނެވެ. ސަބަބަކީ ފްރިޖު މައްޗަކީ އާންމުކޮށް ހޫނުތަނަކަށް ވެފައި ވަރަށް ފަސޭހައިން ޕާން ހަރުވެ 'ޑްރައި' ވާން މަގުފަހިކޮށްދޭނެ ތަނެކެވެ. ހަމައެޔާއެކު ފްރިޖު މަތީގައި ބާޢްވާފައިނަމަ މާ އަވަހަށް ޕާން ހަލާކުވެސް ވާނެ އެވެ. ހަމަ މި އުސޫލު، އަވަން މައްޗަށާއި ޑިޝްވޮޝާ ފަދަ އިލެކްޓްރޯނިކް އެހެން އާލާތްތަކަށްވެސް ހިނގައެވެ. ހަމައެޔާއެކު، ކުޑަ ދޮރެއްގެ ކައިރީގައި ނުވަތަ ސީދާ އަވި އެޅޭ ހިސާބެއްގައި ޕާން ބެހެއްޓުމުންވެސް މިފަދައިން ޕާން އަވަހަށް ހަލާކުވާނެ އެވެ.

ކަބަޑެއްގައި ޕާން ބަހައްޓާފައި--

ބަދިގޭގެ ކަބަޑެއްގައި ޕާން ބެހެއްޓުން

މިއީ ގިނަބައެއްގެ ނަޒަރުގައި ޕާން ރައްކާކުރަން އެންމެ ރަނގަޅު އެއް ޖާގައެވެ. ހާޢްސަކޮށް މަތީ ކަބަޑެއްގެ ތިރީ ޝެލްފުގައި ޕާން ތަށި ނުވަތަ ޕާން ކޮތަޅު އޮތްގޮތަށްް ގިނަބަޔަކު ބާއްވާއިރު، ފަހަރެއްގައި މިއީ އެންމެ ރީތި ގޮތަށް ނުވެދާނެ އެވެ. އޭގެ ބަދަލުގައި އެފަދަ ކަބަޑުތަކަކީ ގޭގައި ބޭނުންކުރާ ބިއްލޫރި ތަށި ބަހައްޓަން މާ ކަމުދާނެ ޖާގައެކެވެ.

ކޮންމެއަަކަސް، ތި ގޭގެ ބަދިގޭގައި އެއްފަހަރު ކައިފައި ފަހަށް ބަހައްޓާ ޕާންކޮޅަށް މިއީ އެންމެ ރަނގަޅު ޖާގަ ކަމުގައިވާނަަމަ އެ ޖާގަ ބޭނުންކުރާށެވެ. ސަމާލުކާންދޭން ޖެހެނީ ކަބަޑުތެރެ ރަނގަޅަށް ބެލެހެއްޓުމަށެވެ. ފަހަރެއްގައި ޕާން ކުނޑިތައް ކަބަޑުތެރެއަށް އެޅިފައި ހުރެދާނެ އެވެ. މިހެންވެއްޖެނަމަ އެކި ވައްތަރުތަކުގެ ސޫފާސޫފިތައް ކަބަޑުގެ ތެރޭގައި އާލާވުމަށް ލަހެއް ނުވާނެ އެވެ.

ފްރިޖުގައި ޕާން ބެހެއްޓުން

މިއީ ހަމަ އެއްގޮތަކަށްވެސް ރަނގަޅު ޚިޔާލެއް ނޫނެވެ. ފްރިޖުގެ ފިނިމިން އާންމުކޮށް ހުންނަނީ 35 އާއި 40 ޑިގްރީސް ފެރެންހައިޓްގައި ކަމަށްވާއިރު މި ފިނިކަމުގައި ޕާން ވަރަށް އަވަހަށް ހަލާކުވާނެ އެވެ. އެހެންނަމަވެސް ފްރީޒާއެއްގައި ފިނިމިން ހުންނަންޖެހޭ މިންގަނޑަކީ 0 ޑިގްރީސް ފެރެންހައިޓްގައި ކަމަށްވާއިރު، މިއީ ޕާން ގިނަދުވަހަށް ބަހަށްޓައިދޭން އެހީވާނެ ފިނިމިނެކެވެ.

މީގެއިތުރުން ގޭގައި އަމިއްލައަށް ޕާން ފިހެގެން ބޭނުންކުރާ ފަރާތްތަކަށް މިކަމަށް އެންމެ އެކަށޭނަ ބްރެޑް ބޮކްސް އަކީ ވަރަށް ރަނގަޅު ޚިޔާލެކެވެ. އަދި ހަމައެޔާއެކު ޕްލާސްޓިކް ވްރެޕްކޮށްފައިވެސް ހޫނުމިން އެކަށޭނަ ތަނެއްގައި ގިނަ ދުވަހަށް ޕާން ރައްކާކުރެވޭނެ އެވެ.