މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު އިތުރުކޮށްފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު ނުވަ ވަނަ ދުވަހުން ފެށިގެން، މި އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ނިސާބުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 4950.40 ރުފިޔާ އެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީ އިން މިިއަދު ބުނީ މި މަހުގެ ނުވަ ވަނަ ދުވަހުން ފެސިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 6961.50 ރުފިޔާ ކަމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށެވެ. އެއީ 2017.10 ރުފިޔާ އިތުރު އަދަދެކެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެ އެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭ އިންނެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިސާބު ކަނޑައަޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިސާބު ކަނޑައެޅުމެވެ.

ރިހީގެ ނިސާބުގެ ގޮތުގައި އިލްމުވެރިން ކަނޑައަޅުއްވާފައިވާ އަދަދަކީ 595 ގްރާމް ކަމުގައި ވާއިރު، ރިހި ގްރާމަކަށް މިހާރު ޖެހޭ ދިވެހި ފައިސާގެ މިންވަރަކީ 11.70 ރުފިޔާ އެވެ.

ޒަކާތްދިނުމަކީ ދީނުގެ ފަރުޟުތަކުގެ ތެރެއިންވާ ފަރުޟެކެވެ. އަދި އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ. އެހެންކަމުން ޒަކާތް ދެއްކުމުގެ ޝަރުތު ފުރިހަމަވާ ކޮންމެ މުސްލިމަކު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން މުދަލުގެ ޒަކާތް ބަލައިގަންނަމުން ދަނީ މީރާއިންނެވެ.

ކޮވިޑް19 އާ ގުޅިގެން އަލުން ރިވިއު ކުރި ފަގީރުންނާއި މިސްކީނުންގެ ލިސްޓުގައި 11،514 ފަރާތެއް އެބަތިބި ކަމަށާއި ބޮލަކަށް 2000 ރުފިޔާގެ މަގުން މިދިޔަ އޮކްޓޫބަރު މަހު ވަނީ މުދަލުގެ ޒަކާތް ބަހައިފަ އެވެ.