14 Dec 2020, 08:35
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ މެޗުގައި ރޭ ވަރުގަދަ އީގަލްސް ބަލިކޮށް ކުރީ ސީޒަނުގައި ދެވަނަ ޑިވިޝަނުގެ ރަނަރަޕްކަން ހޯދައި ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފެށުން ރަނގަޅު ކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު އެ މެޗުން ސަސް ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. ފުޓުބޯޅައިގެ އެންމެ މަތީ ލެވެލްގައި ސަސްއިން ކުޅުނު ފުރަތަމަ މެޗުން މޮޅު ހޯދި އިރު، ލީގުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ޔުނައިޓެޑް ވިކްޓަރީ އަތުން ބޮޑު ތަފާތަކުން މޮޅުވެ ކުރި ހޯދާފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އެވެ.
ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ކާމިޔާބު ކުރި އީގަލްސްއިން ރޭގެ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަހުމަދު ރިޒްވާން (ރިޒޭ) ޓީމުގައި ނުހިމަނަ އެވެ. ޗެރިޓީ މެޗުގައި ފަހަތުން އަރައި މާޒިޔާއިން އަތުން އީގަލްސް މޮޅުވި މެޗުގައި ރިޒޭ ވަނީ ދެ އެސިސްޓްކޮށް ގޯލެއް ޖަހައިފަ އެވެ. ރިޒޭގެ ބަދަލުގައި ރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ހިމަނާފައި ވަނީ ރިހާމް އަބްދުލް ޢަނީ (ބޮބީ) އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސަސްއިން ކާމިޔާބުކުރީ މެޗު ފަށައިގެން 11 ވަނަ މިނެޓުގައެވެ. އީގަލްސްގެ ގޯލްކީޕަރު މުޙައްމަދު ސިނާހަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ސަސްއަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ވިކްޓަ ރޮޑްރިގޭޒެވެ.
މެޗުގެ ނަތީޖާ އަނބުރާލަން އީގަލްސްއިން ގިނަ ފުރުސަތުތަކެއް މެޗުގައި ތަނަވަސްކުރި އިރު، ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ހިފާއްޓަން ސަސްއިން ވަނީ ގަދަޔަށް ހިތްވަރު ކޮށްފަ އެވެ.
އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި އީގަލްސްގެ މުޙައްމަދު ނާއިމް ވަނީ ސަސްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އެ ހަމަލާ ސަސްގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން އީގަލްސްގެ ހައިޝަމް ހަސަނަށް ވަނީ ލަނޑު ޖަހަން ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ދެ ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެއެވެ.
ލީގުގައި ސަސްއިން ދެން މެޗެއް ކުޅޭނީ އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެ ހަވީރުއެވެ. އެ ދުވަހު ސަސް ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި ލީގުގައި އީގަލްސްއިން ކުޅޭ ދެވަނަ މެޗުގައި އާދީއްތަ ދުވަހުގެރޭ ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.