ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން ޕޮޒިޓިވްވީ 228 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިިނިސްޓްރީން ބުނެފިއެވެ.

ކޮވިޑާ ގުޅިގެން ބޯޑަރު މާޗް 27 ގައި ބަންދުކުރުމަށް ފަހު އަލުން ހުޅުވާލީ ޖުލައި 15ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ފަތުުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކުއިޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ ބޯޑަރު ހުޅުވާލިފަހުން ޕޮޒިޓިވްވީ އެންމެ 0.2 ޕަސެންޓް ފަތުރުވެރިން ކަމަށެވެ.

ބޯޑަރު ހުޅުވާލި ފަހުން އައި ފަތުރުވެރިންގެ ފަރާތުން އެއްވެސް މުވައްޒަފަކަށް އަދި އެއްވެސް ރަށެއްގެ މީހަކަށް ކޮވިޑް ޖެހުނުކަން އެނގެން ނެތްކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއަހަރު ފަސް ލައްކަ ފަތުރުވެރިން އަންނާނެކަމަށް ބެލެވޭ ކަމަށެވެ.

މާލެ ސަރަހައްދުގެ ގެސްޓު ހައުސްތަކުގައި 2500 އެއްހާ އެނދު ހުންނައިރު އެ އެނދުތަކުގެ 90 ޕަސެންޓް މިއަހަރު ނިމެންވާއިރަށް އޮޕަރޭޓް ކުރެވޭވަރު ވާނެކަމަށް ބެލެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިމަހުގެ 14 އިން ފެށިގެން މާލެ ސަަރަހައްދުގެ ގެސްޓު ހައުސްތައް ހުޅުވާލަންވެސް މިހާރު ވަނީ ނިންމައިފައެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން މާލެެއިން ނެގި ސާމްޕަލްތަކުން އެވްރެޖްކޮށް ޕޮޒިޓިވްވީ ފަސް ޕަސެންޓަށް ވުރެ މަދު މީހުން ކަމަށެވެ. އަދި މާލެ ސަރަަހައްދުގައި ގެސްޓު ހައުސްތައް ހުޅުވާލަން ނިންމީ އެކަމަށް ރިއާޔަތްކޮށް ޓެކްނިކަލް ޓީމްގެ ލަފަޔާ އެއްކޮށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލޭ ސަރަހައްދުން ގެސްޓު ހައުސްތައް ހުޅުވާލުމަށް ފަހު ގެސްޓުހައުސްތަކުގެ ސްޓާފުން ކޮންމެ މަހަކު ކޮވިޑަށް ޓެސްޓްކުރަން ޖެހޭނެކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮންމެ ގެސްޓު ހައުސްއެއްގައިވެސް އައިސޮލޭޝަން ރޫމެއް ހުންނަން ޖެހޭނެކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ފަތުރުވެރިއަކު މާލޭ ސަރަަހައްދުގައި ހުންނަ ގެސްޓު ހައުސްތަކުގައި 48 ގަޑިއިރު މަޑުކުރުމަށް ފަހު ސަފާރީ، ރިސޯޓް ނުވަތަ މީހުން ދިރިއުޅޭ ރަށެއްގެ ގެސްޓު ހައުސްއަކަށް ދާނަމަ ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.