މިއަދުގެ މެޗުގައި ދިމާވީ ޓީމުގެ ދެ ސްޓްރައިކަރުން އަނިޔާގައި ތިބުމުން ކުރީގައި ހިފާއްޓާނެ ކުޅުންތެރިއަކު ނެތް މައްސަލަ ކަމަށާއި، އަންނަ މެޗަށް ސްޓްރައިކަރެއް ފިޓްވާނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ޔޫވީގެ ކޯޗު މުހައްމަދު އާދަމް ބުނެފި އެވެ.

ދިރާގު ދިވެހި ލީގުގެ ފުރަތަމަ މެޗުގައި މިއަދު މާޒިޔާއާއި ޔޫވީ ބައްދަލު ކުރި މެޗު ނިމުނީ 0-4 ގެ ނަތީޖާއަކުންނެވެ. ޔޫވީގެ ޑިފެންޑަރުންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ އެ މެޗުގައި އެ ޓީމުން މާ ރަނގަޅު ހަމަލާތަކެއް ވެސް އުފެއްދިފައި ނުވާ އިރު، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއަށް ވަނީ ބޮޑު ތަފާތަކުން މެޗު ނިންމާލުމުގެ ފުރުސަތު ލިބިފަ އެވެ. އަދި ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާއަށް ލިބުނު ނާކާމިޔާބީގެ ސަބަބުން މިއަދުގެ މެޗަށް އެ ޓީމު ނުކުތީ ވަރުގަދައަށް ކުޅުމަށް ކަން ޔޫވީގެ ކޯޗު އާދަމް މުހައްމަދު ވަނީ ފާހަގަ ކޮށްފަ އެވެ.

މިދިޔަ ސީޒަނުގެ ކުރީކޮޅު ވިކްޓަރީ ސްޕޯޓްސް ކުލަބުން ފެނުނު މުހައްމަދު މި ސީޒަނުގައި ޔޫވީއާ ހަވާލުވި އިރު، ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިންތަކެއް ވެސް ވަނީ އެ ޓީމަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި މުހައްމަދު އާރިފް ބަކާއާއި، އިސްމާއީލް އީސާ (މެސީ) ގެ އިތުރުން އަދުމަދު ނިޒާމް (ނިޒާމްބެ) ހިމެނޭ އިރު، ޕްރި ސީޒަން ޓްރެއިނިންގައި ރަނގަޅު ފަރިތަކުރުންތަކެއް ޔޫވީން ހެދިކަން ކޯޗު ވަނީ ފާހަގަ ކޮށްފަ އެވެ. އެހެން ނަމަވެސް މިއަދުގެ މެޗުގައި ދިމާވީ ކުރީގައި ބޯޅަ ހިފަހައްޓާނެ ސްޓްރައިކަރެއް ނެތުމުގެ މައްސަލަ ކަމަށާއި، ކުރިއަށް ކުޅުވަން ޖެހުނީ މެދުތެރެއަށް ކުޅޭ ކުޅުންތެރިން ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.

"ސްޓްރައިކިންގް ޑިޕާޓްމެންޓުގެ ދެ ސެންޓާ ފޯވާޑުން ތިބީ އިންޖަރީގައި، މެދުތެރެއިން މީހުން ކުރިއަށް ލައިގެން ކުޅެން ޖެހުނީ. ކުރީގައި ހޯލްޑް ކުރާނެ މީހަކު ނެތުމުން ކުޅެން އުނދަގޫވީ،" މިއަދުގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޔޫވީގެ ކޯޗު ބުންޏެވެ.

މުހައްމަދު ބުނީ، މެޗު ފަށައިގެން 20 ވަރަކަށް މިނަޓު ކުޅުނު އިރު ވެސް އުންމީދު އޮތް ކަމަށެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގައި ވަތް ދެ ގޯލުގެ ސަބަބުން މެޗުގެ އޮއެވަރު ބަދަލުވީ ކަމަށާއި، ޑިފެންސުން ހެދުނު ތިން މިސްޓޭކުގައި ތިން ގޯލު ވަނީ ކަމަށެވެ. އެހެން ނަމަވެސް ލީގުގެ ފުރަތަމަ މެޗަށް ވެފައި މާޒިޔާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ދެއްކި ކުޅުން ޖުމުލަކޮށް ރަނގަޅު ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.

ކޯޗު އިތުރަށް ބުނީ، ދެން އަންނަ މެޗަކަށް އަނިޔާގައި ތިބި ދެ ސްޓްރައިކަރުންގެ ތެރެއިން އެކަކު ފިޓްވާނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި، އަދި އަނެއް ފޯވާޑް ވެސް ކައިރި މުސްތަގުބަލެއްގައި ފިޓްވާނެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ވަކި ހާއްސަ ޓްރެއިނިންގްއެއް ޖައްސައިގެން އެޔަށް ބެލުމަށްފަހު އަންނަ މެޗަށް ދެ ސްޓްރައިކަރުން ވެސް ފިޓްވުމުގެ ފުރުސަތު އޮތް ކަމަށެވެ.

ޔޫވީން ދެން އަންނަ މެޗެއްގައި ބައްދަލު ކުރާނީ ވެލެންސިއާއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރު އެވެ.