ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނު މި ސީޒަންގެ ފުރަތަމަ މެޗުގައި، 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޔުނައިޓަޑް ވިކްޓްރީ ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިއަދު މާޒިޔާ ކުޅުނު މެޗުގައި އެ ޓީމް ވަނީ ފުރަތަމަ ހާފްގައި ދެ ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައެވެ. އަދި ފަހު ހާފްގައި ދެ ލަނޑު އިތުރަށް ޖަހައި، މާޒިޔާއިން ވަނީ މެޗުގެ ތިން ޕޮއިންޓް ކަށަވަރު ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ވިކްޓްރީން ރަނގަޅު ކުޅުމެއް ދައްކައި، ލަނޑު ޖަހަން ފުރުސަތުތަކެއް އުފައްދާފައި ވި ނަމަވެސް، އެ ޓީމަށް ވަނީ މެޗުގެ ލީޑު ނެގޭ ގޮތް ނުވެފައެވެ.

މާޒިޔާގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 34 ވަނަ މިނެޓުގައި މުހައްމަދު އުމެއިރެވެ. އޭގެ ފަސް މިނެޓު ފަހުން މާޒިޔާއިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުގައި ލީޑު ފުޅާ ކޮށްލާފައެވެ. މާޒިޔާގެ އިބްރާހިމް އައިސަމް ނަގައިދިން ކޯނަރަކުން އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަމްދާން އަލީއެވެ.

މެޗުގައި މާޒިޔާގެ ތިންވަނަ ލަނޑު އެ ޓީމުން ކާމިޔާބުކުރީ 65 ވަނަ މިނެޓުގައި ވިކްޓްރީގެ އާރިފް މަޒިޔާގެ އުމެއިރުއަށް ކުރި ފައުލަކުން އެ ޓީމަށް ލިބުނު ޕެނަލްޓީންނެވެ. އެ ޕެނަލްޓީ މާޒިޔާއަށް ކާމިޔާބުކޮށްދީފައި ވަނީ އެ ޓީމްގެ ކެޕްޓަން އަސަދުﷲ އަބަދުﷲ އެވެ. އަދި 71 ވަނަ މިނެޓުގައި ވިކްޓްރީގެ ކީޕަރު ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭ ހެދުނު މިސްޓޭކެއްގެ ބޭނުން ހިފައި، އަސަދުﷲ ވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މާޒިޔާގެ ނަތިޖާ އިތުރަށް ފަރަގު ބޮޑުކޮށްލާފައެވެ.

މި މޮޅާ އެކު މާޒިޔާ 2020-21 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނާ ކުރިމަތިލާއިރު، އެ ޓީމް ވަނީ މިދިޔަ ސީޒަންގެ ލީގު ޗެންޕިއަންކަން ހޯދާފައެވެ. ނަމަވެސް މިފަހަރު ސީޒަން ފެށުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މާޒަޔާ ވަނީ އީގަލްސް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެފައެވެ.