13 Dec 2020, 17:07
ވޮޝިންޓަން (ޑިސެމްބަރު 13) : ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޕެރިސް މުއާހަދާއަށް އަލުން އެނބުރި އެމެރިކާ ރުޖޫއަވާނެ ކަމަށް އެގައުމުގެ ރައީސުލްމުންތަޚަބު ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
ޕެރިސް މުއާހަދާ ވުޖޫދަށް އައިތާ 5 އަހަރު ފުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ބައިޑެން ވިދާޅުވީ އޭނާ އެމެރިކާގެ ރިޔާސަތާ ހަވާލުވާތާ 39 ދުވަހުގެ ތެރޭގައި އެމެރިކާ އަލުން ޕެރިސް މުއާހަދާގައި ބައިވެރިވާނެ ކަމުގައެވެ. އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާވަނީ ޕެރިސް މުއާހަދާއިން ވަކިވެފައެވެ.
އދ. އިސްކޮށް އޮވެގެން އެކުލަވާލި ޕެރިސް މުއާހަދާގެ ޑްރާފްޓް ވުޖޫދަށް އައިސް ދުނިޔޭގެ ގައުމުތަކުން އެ ޑްރާފްޓް ބަލައިގެންފައިވަނީ 12 ޑިސެމްބަރު 2015 ގައެވެ. ނަމަވެސް އެ މުއާހަދާގައި ދުނިޔޭގެ ގިނަ ގައުމުތަކުން ސޮއިކޮށްފައިވަނީ 4 ނޮވެމްބަރު 2016 ގައެވެ. ސޮއިކުރި ގިނަ ގައުމުތަކުން އެ މުއާހަދާ ތަސްދީގު ކޮށްފައިވީނަމަވެސް ބައެއް މަދު ގައުމުތަކުން އަދިވެސް އެ މުއާހަދާ ތަސްދީގެއް ނުކުރެއެވެ.

ޕެރިސް މުއާހަދާގެ ޑްރާފްޓަށް ދުނިޔެ އެއްބަސްވި ތާރީޚި ދުވަސް
ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޕެރިސް މުއާހަދާއިން އެމެރިކާ ވަކިވެފައިވަނީ 2017 ވަނައަހަރުގެ ޖޫންކަމުގެ އެއްވަނަ ދުވަހުއެވެ. އެ މުއާހަދާއިން ވަކިވުމުގެ ހުއްޖަތެއްގެ ގޮތުގައި ޓްރަމްޕް ދެއްކެވީ އެއީ އެމެރިކާގެ އިގްތިސާދީ މަސްލަހަތާ ފުށުއަރާ މުއާހަދާއެއް ކަމުގައެވެ. ޓްރަމްޕްގެ މިނިންމުމަށް ދުނިޔޭގެ ބައެއް ގައުމުތަކުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ދުނިޔޭގެ ތިމާވެށި ހަލާކުރުމުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ ގައުމަކީ އެމެރިކާ ކަމަށްވާތީ އެމެރިކާގެ އެއްބާރުލުން ނުލިބި ދުނިޔޭގެ ތިމާވެށި ހިމާޔަތް ނުކުރެވޭނެ ކަމަށް މިފަރާތްތަކުން ދެކެއެވެ.
ޕެރިސް މުއާހަދާ ވުޖޫދަށް އައިތާ 5 އަހަރު ފުރުމާ ގުޅިގެން އދ. ންވަނީ ވާޗުއަލްކޮށް ދުނިޔޭގެ ފެންވަރުގައި ތިމާވެއްޓާބެހޭ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގްޓެރެސް ވަނި ދުނިޔެ އޮތީ ތިމާވެށީގެ ކާރިސާއެއްގެ ތެރޭގައި ކަމަށް ސިފަކުރައްވައި ތިމާވެށީގެ ކުއްލި ހާލަތު އިއުލާނު ކުރުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފައެވެ. ޕެރިސް މުއާހަދާ މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ދުނިޔޭގެ ޖައްވު ހޫނުކުރާ ކާބަން ގޭސްތައް މަދުކުރުމަށާއި އިރުގެ ހަކަތައާއި ވަޔާއި ފެންފަދަ ތިމާވެއްޓަށް ގެއްލުން ނުލިބޭ ވަސީލްތަށް ހަކަތަ އުފެއްދުމަށް ބޭނުން ކުރުމުގެ މައްޗަށެވެ. (އަލްޖަޒީރާ)