13 Dec 2020, 17:00
ޔުނިސެފްގެ ފަރާތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް 420 ލެޕްޓޮޕާއި، ދިވެހި ކިޔުމަށް ދަރިވަރުން އަހުލުވެރި ކުރުމަށް، ދިވެހި ވާހަކަފޮތް އަދި ސްކޫލްތައް ސާފުކުރުމަށް ބޭނުންވާ ޑިސްއިންފެކްޓެންޓް ހަދިޔާކޮށްފިއެވެ.
މިއަދު އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި ހަވާލުކޮށްދެއްވީ ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ރެޕްރެޒެންޓޭޓިވް ޑރ. މުނީރް އޭ ސަފީލްދީންއެވެ. މި ތަކެއްޗާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރު ޑރ. ޢާއިޝަތު އަލީއެވެ. މިއި ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަމުގެ ދުވަސްވަރު މެދުނުކެނޑި ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދިއުމަށާއި، އަންނަ 2021 ވަނަ އަހަރުގެ ސްކޫލްތައް ރައްކާތެރިކަމާއެކު ހުޅުވުމަށް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ޖަމްއިއްޔާ އިން ހަދިޔާކުރި ތަކެތި ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
މިއަދު ހަވާލުކުރި ތަކެތީގެ ތެރޭގައި ހިމެނޭ 420 ލެޕްޓޮޕަކީ ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިޔުކޭޝަން (ޖީޕީއީ)ގެ ފަންޑުން ޔުނިސެފް މެދުވެރިކޮށް ރާއްޖެއަށް ހަމަޖެހިފައިވާ ހިލޭ އެހީގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ. ރާއްޖެ ޖީޕީއީގެ މެންބަރު ގައުމަކަށްވީ 2019ވަނަ އަހަރުއެވެ.
ސްކޫލްތަކުގައި ބޭނުން ކުރުމަށް މިއަދު ހަދިޔާ ކުރި ޑިސްއިންފެކްޓެންޓަކީ ޔޫއެސްއެއިޑްގެ އެހީގައި ޔުނިސެފުން ހަދިޔާ ކުރި ތަކެއްޗެވެ. މީގެ އިތުރުން ޔުނިސެފުން މިއަދު ވަނީ 2726 ދިވެހި ވާހަކަ ފޮތް ހަދިޔާކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. މުނީރު ވިދާޅުވީ މިއަދު ހަދިޔާކުރި ތަކެތީގެ ސަބަބުން ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ކޮވިޑް19ގެ އާލަމީވަބާގެ ތެރޭގައިވެސް ދަރިވަރުންގެ އުނގެނުން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ކުރި މަސައްކަތްތަކަށް ސަފީރު ވަނީ ތައުރީފް ކުރައްވައިފައެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަނީ ތައުލީމީ ދާއިރާއަށް ޔުނިސެފްގެ އެހީތެރިކަން އަބަދުވެސް ގިނަ ގޮތްގޮތުން ލިބޭކަން ފާހަގަކުރައްވައި، ޔުނިސެފްގެ ރެޕްރެޒެންޓެޓިވް އަށާއި ޓީމަށް ޝުކުރު އަދާ ކުރައްވައިފައެވެ.