ވޮޝިންޓަން (ޑިސެމްބަރު 13) : އެމެރިކާ ސަރުކާރުގެ ގިނަ މަސްއޫލުވެރިންތަކެއް މަގާމުން ވަކިކުރުމާމެދު ރައީސް ޑޮނަލްޑް ޓްރަމްޕް ސިރިޔަސްކޮށް ވިސްނަވަމުން ގެންދަވާކަމަށް އެމެރިކާގެ އޮންލައިން ނޫހެއްކަމަށްވާ "އެކްސިއޮސް" ބުނެފިއެވެ.

ނަންހާމަކުރަން ނޭދޭ ޓްރަމްޕްގެ އަރިސް ފަރާތަކާ ހަވާލާދީ "އެކްސިއޮސް" ބުނާގޮތުން އަންނަ ޖަނަވަރީ 20 ގައި ވައިޓް ހައުސް ދޫކޮށް ވަޑައިގަތުމުގެ ކުރިން ޓްރަމްޕްގެ ސަރުކާރުގެ އިސް ބައެއް މަސްއޫލުވެރިން މަގާމުން ވަކިކުރަން ޓްރަމްޕް ބޭނުންފުޅުވެއެވެ. މީގެތެރެގައި ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ވިލިޔަމް ބާ އާއި ސީއައިއޭގެ ވެރިޔާ ޖިނާ ހެސްޕެލް އާއި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ކޮމިޝަނަރ ސްޓެފިން ހާން ހިމެނިވަޑައިގަންނަވައެވެ.

ވިލިޔަމް ބާރ

މި ތިން ބޭފުޅުންގެ ތެރެއިން އެޓާނީ ޖެނެރަލް ވިލިޔަމް ބާރ މަގާމުން ދުރުކުރަން ޓްރަމްޕް ބޭނުންވަނީ އެމެރިކާގެ ރައީސުލްމުންތަޚަބު ޖޯ ބައިޑަންގެ ދަރިކަލުން ހަންޓާ ބައިޑަން ގާނޫނާ ޚިލާފަށް ހިންގަވާފައިވާ ކަމަށް ބެލެވޭ ފައިސާގެ މުއާމަލާތްތަކެއް ރިޔާސީ އިންތިޚާބުގެ ކުރިން ނުބަލައި އިންތިޚާބުގެ ފަހުން ބެލުމަށް ބާރ ނިންމެވި ނިންމުމާ ގުޅިގެންނެވެ. ހަންޓާ ބައިޑަން ގާނޫނާ ޚިލާފަށް ހިންގަވާފައިވާ ކަމަށް ބެލެވޭ ފައިސާގެ މުއާމަލާތްތަކުގެ މައްސަލައެއް ބަލަމުންގެންދާކަން ދާދުފަހުން ވިލިޔަމްބާ ވަނީ ވިދާޅުވެފައެވެ. މިމައްސަލަ ރިޔާސީ އިންތިޚާބުގެ ކުރިން ނުބެލުމަކީ ވިލިޔަމް ބާރ ޓްރަމްޕްގެ ވާދަވެރިޔާ އަދި މިހާރުގެ ރައީސުލްމުންތަޚަބު ޖޯ ބަޑައިޑަން އަށް ދެއްވި ހަދިޔާއެއްކަމަށް ދެކެވަޑައިގެން އެކަމާ ޓްރަމްޕް ކޯފާވެވަޑައިގެންފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްރަމްޕްގެ އަރިސް ބޭފުޅެއްގެ ގޮތުގައި ސިފަކުރެވޭ ވިލިޔަމް ބާ ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބު ގެ ނަތީޖާ އޮޅުވާލި ކަމަށް ވިދާޅުވެ ޓްރަމްޕް ދައްކަވާ ވާހަކައަށް ރައްދު ދެއްވައި ރިޔާސީ އިންތިޚާބު ގެ ނަތީޖާ އޮޅުވާލާފައިނުވާ ކަމާއި އެކަންކުރެވޭނެ އެއްވެސް ޖާގައެއްނެތްކަން ތަހްގީގުތަކުން ހާމަވާކަމަށް ވިދާޅުވެފައެވެ. މިމައްސަލާގައި ޓްރަމްޕް ވަނީ ބާރ ދެކެ ވަރަށްބޮޑަށް ކޯފާވެފައެވެ.

ޖިނާ ހެސްޕެލް

ވައިޓް ހައުސްގެ މެދުފަންތީގެ ބައެއް މުވައްޒަފުންނާ ހަވާލާދީ "އެކްސިއޮސް" ނޫސް ބުނާގޮތުން ރިޔާސީ އިންތިޚާބުގައި ބަލިވެވަޑައިގަތުމަށްފަހު ޓްރަމްޕްގެ ފަރާތުންވަނީ ބަދަލު ހިފުމުގެ ރޫހުގައި ކަންކަން ކުރައްވާ މަންޒަރު ވަރަށް ބޮޑަށް ފެންނަން ފަށާފައެވެ. މިގޮތުން ރިޔާސީ އިންތިޚާބުގެ ކުރިން ޓްރަމްޕްގެ ސުލޫކު ހުންނަގޮތާއި އޭނާގެ މިހާރު ސުލޫކު ހުންނަގޮތް ވަރަށް ބޮޑަށް ތަފާތުކަން ފާހަގަ ކުރެވޭކަމަށް ނަންހާމަކުރަން ނޭދޭ މި މުވައްޒަފުން ބުނެފައިވެއެވެ.

އެމެރިކާގެ ހަތަރު ސްޓޭޓެއްގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލުކުރުމަށް ޓެކްސަސްގެ އެޓާނީ ޖެނެރަލް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް އެމެރިކާގެ ސުޕްރީމް ކޯޓުން އިއްޔެ ނިންމުމުން ރިޔާސީ އިންތިހާބުގެ އެންމެ ފަހު ބަލިން ޓްރަމްޕްވަނީ ބަލިވެފައެވެ. މިއާއެކު އިންތިޚާބުގެ ނަތިޖާ އޮޅުވާލިކަމަށް ވިދާޅުވެ ޓްރަމްޕް ކުރައްވާ ޝަކުވާތަށް ހުށަހަޅާނެ އަދި އަޑުއަހާނެ ފަރާތެއްވެސް ވަނީ ނެތިފައެވެ.

މިމައްސަލާގައި ކޯފާވެފައިވާ ޓްރަމްޕްވަނީ އެމެރިކާގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ހިކުމަތެއް ހިއްވަރެއް ނެތް ބައެއް ކަމަށް ސިފަކުރައްވައި އެމީހުން އޭނާއަށް ޚިޔާނާތްތެރިވި ކަމަށް ވިދާޅުވެ ޓްވީޓްތައް ކުރައްވާފައެވެ. މި ޓްވީޓްތަކަށްފަހު ޓްރަމްޕްގެ ސަޕޯޓަރުންވަނީ އިންތިޚާބުގެ ނަތީޖާ ބާތިލް ކުރުމަށް ގޮވާލައި ވޮޝިންޓަންގައި މުޒާހަރާވެސް ކޮށްފައެވެ. ޓްރަމްޕްގެ ކޭންޕޭނުންވަނީ ރިޔާސީ އިންތިޚާބުގައި ބައެއް ސްޓޭޓްތަކުން މަރުވެފައިވާ އެތަށް ހާސްބައެއްގެ ނަމުގައި ވޯޓުލާފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައެވެ. ނަމަވެސް ޓްރަމްޕްގެ މި ތުހުމަތު ބަލާނެފަރާތެއް މިހާރަކު ނެތެވެ.

("އެކްސިއޮސް + އަލްޖަޒީރާ)