އަންނަ މާޗް މަހު އަވައްޓެރި ނޭޕާލްގައި ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމުން އިސްނަގައިގެން މިއަދު ހަވީރު ވީބީ އައްޑޫ އެފްސީ އާ ދެކޮޅަށް ކުޅުނު ޕްރެކްޓިސް މެޗް ގައުމީ ޓީމުން ކާމިޔާބު ކޮށްފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ގައުމީ ޓީމުން ކާމިޔާބު ކުރީ 3-0 ލަނޑުންނެވެ. މެޗްގައި ގައުމީ ޓީމަށް ލަނޑުތައް ޖަހާދިން ކުޅުންތެރިންނަކީ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އާއި އަލީ ފާސިރު (ސެންޓޭ) އަދި ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އެވެ.

އޭއެފްސީ ޗެލެންޖް ކަޕަށް ގައުމީ ޓީމަށް ނެގި ސްކޮޑްގައި ތިބި ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުޅުނު މިމެޗްގެ ރެފްރީކަން ކުރީ ގައުމީ ޓީމްގެ ކޯޗް އިސްތަވާން އުރުބާނީ އެވެ. އަދި މެޗުގެ ބޭރު ރޮގު ބެލެހެއްޓީ ގައުމީ ޓީމްގެ ދެ ކުޅުންތެރިއެކެވެ.

މިއަދުގެ ޕްރެކްޓިސް މެޗް ކުރިއަށްދިޔަ އިރު، ދަނޑަށް ވަދެތިބި މަދު ސަޕޯޓަރުންތަކެއް ވަނީ ގައުމީ ކޯޗްގެ އިސްތިއުފާއަށް ގޮވާ، ކޯޗަށް ހަޑިހުތުރު ބަހުން މަލާމަތްކޮށްފަ އެވެ. އަދި މެޗްތެރެއިން ދެ ޓީމްގެ ކުޅުންތެރިން ވެސް ވަނީ ބަހުގެ ހަމަލާތަށް ރައްދު ކޮށްފަ އެވެ.

ޗެލެންޖް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމްގެ ފަރިތަކުރުންތައް ފެށިގެން ކުރިއަށްދާ އިރު، ދާދިފަހުން ގައުމީ ޓީމަށް ހަމަޖެއްސި އާ މެނޭޖަރު އެމްއެންޑީއެފްގެ ކެޕްޓަން އަހުމަދު ޒުބެއިރު ޓީމް ކުރި ފުރަތަމަ ޕްރެކްޓިސްގައި ވެސް ބައިވެރިވެފައި ނުވާ އިރު، މިއަދު ވީބީއާ ދެކޮޅަށް ގައުމީ ޓީމް ކުޅުނު ޕްރެކްޓިސް މެޗް ނިމުނު އިރު ވެސް ދަނޑަށް އައިސްފައި ނުވާ ކަމަށް ބުނެ ޓީމްގެ ބައެއް ކުޅުންތެރިން ވަނީ މެޗަށް ފަހު ސަކުވާކޮށްފަ އެވެ. އެހެންނަމަވެސް ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖެއްސި އަލީ ނާޝިދު ޓީމާ އެކު ކޮންމެ ފަރިތަކުރުމެއްގައި ބައިވެރިވާ ކަމަށް ކުޅުންތެރިންބުނެ އެވެ.

ނަން ނުޖެއްސުމަށް ޝަރުތުކޮށް ގައުމީ ޓީމްގެ ކުޅުންތެރިޔަކު މިއަދުގެ ޕްރެކްޓިސް މެޗަށް ފަހު ބުނީ، ކުރިއަށް އޮތް ޗެލެންޖްކަޕަށް ތައްޔާރު ވުމަށް ޓީމް މިހާތަނަށް ކުރި އެއްވެސް ފަރިތަކުރުމެއްގައި މެޖޭނަރު ބައިވެރިވެފާ ނުވުމަކީ ގައުމީ ޓީމަށް އެފްއޭއެމްއިންދޭ ލޯބި ކުޑަވާކަމެއް ކަމަށެވެ. އަދި އެކަން ވީހާ ވެސް އަވަހަކަށް ހައްލު ކޮށްދިނުމަށް އެފްއޭއެމްގެ ހިންގާ ކޮމެޓީއަށް ގޮވާލާކަމަށް އޭނަ ބުންޏެވެ.

މިފަހަރުގެ ޗެލެންޖްކަޕަށް ގައުމީ ޓީމަށް އިރުޝާދު ދިނުމަށް އެފްއޭއެމްއިން ހަމަޖައްސާފައިވާ ހެޑް ކޯޗަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށް ދިޔަ ހަތް ވަނަ ސަފްޗެމްޕިއަން ސިޕްގައި ޓީމަށް ކޯޗްކޮށްދިން ހަންގޭރީގެ ކޯޗް އިސްތަވާން އުރުބާނީ އެވެ. އަދި މިފަހަރުގެ ކޯޗްކަން އުރުބާނީ އަށް ދިނުމުން ވެސް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ އެފްއޭއެމްއަށް މަލާމާތުގެ ބަސްތަކެއް ރައްދުކޮށްފަ އެވެ.

އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމް މިއަދު ފުރަތަމަ ޕްރެކްޓިސް މެޗް ވީބީ އައްޑޫ އެފްސީއާ ދެކޮޅަށް ކުޅުނު އިރު، މިމަހުގެ 26 ވަނަ ދުވަހު ވަނީ އީގަލްސްއާދެކޮށް ޕްރެކްޓިސް މެޗެއް ކުޅުމަށް ހަމަޖެހިފަ އެވެ. އަދި މިފަހަރުގެ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ޤައުމީ ޓީމް މާލޭގައި ކުޅޭ ޕްރެކްޓިސް މެޗްތަކަށް ބަލާ އިރު މިމަހުގެ 31 ވަނަ ދުވަހު ވިކްޓަރީއާ ދެކޮޅަށް މެޗެއް ކުޅޭއިރު، އަންނަ މަހުގެ ދެ ވަނަ ދުވަހު ނިއުރޭޑިއަންޓާ ދެކޮޅަށް ވެސް ގައުމީ ޓީމުން ވަނީ ޕްރެކްޓިސް މެޗެއް ކުޅުމަށް ހަމަޖެހިފަ އެވެ. އަދި އަންނަ މަހުގެ ހަތް ވަނަ ދުވަހު މާޒިޔާއާދެކޮޅަށް ވެސް ޤައުމީ ޓީމް ވަނީ ޕްރެކްޓިސް މެޗެއް ކުޅުމަށް ހަމަޖެހިފަ އެވެ.

އޭއެފްސީ ޗެލެންޖްކަޕް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމްގެ ސްކޮޑްގައި މިވަގުތު ތިބި ކުޅުންތެރިނަށް ހަވާލުކޮށްފައިވާ ޓްރޭނިން ޝެޑިއުލް ޓޭބަލްގައި ބުނެފައިވާ ގޮތުން ގައުމީ ޓީމް ވަނީ އަންނަ މަހު މާލޭގައި ބައިނަލްއަގްވާމީ ރަހުމަތްތެރި ކަމުގެ ދެ މެޗެއް ކުޅުމަށް ނިންމާފަ އެވެ. އެގޮތުން ފުރަތަމަ މެޗް އަންނަ މަހުގެ 11 ވަނަ ދުވަހު މާލޭގައި ކުޅުމަށް އެފްއޭއެމް އިން ނިންމާފައިވާ އިރު ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. އެހެންނަމަވެސް އެ ދެމެޗް ކުޅެނީ ކޮންގައުމަކާ އެކު ކަމައެއް އެ ޓޭބަލްގައި ބުނެފައެއް ނުވެ އެވެ.

އަދި މުބާރާތައް ތައްޔާރު ވުމުގެ ގޮތުން އަންނަ މަހުގެ 20 ވަނަ ދުވަހު ގައުމީ ޓީމް އަވަށްޓެރި ގައުމަކަށް ކޭމްޕް ކުރާކަމަށް ވެސް ޓޭބަލްގައި ބުނެފައިވާ އިރު، ކޭމްޕް ކުރުމަށް ފަހު ބައިނަލްއަގްވާމީ ރަހުމަތް ތެރިކަމުގެ ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް އެ ޓޭބަލްގައި ބުނެފައިވެ އެވެ. އެހެންނަމަވެސް އެއީ ކޮން ކޮން ގައުމުތަކާ އެކު ކަމެއް އެ ޓޭބަލްގައި ބުނެފައެއް ނުވެ އެވެ.

މިފަހަރުގެ އޭއެފްސީ ޗެލެންޖްކަޕް މުބާރާތުގައި ރާއްޖެ ލައްވާލީ ގްރޫޕް އޭ ފަޅީގަ އެވެ .އެގޮތުން މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޓީމްތަކަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާއި ތުރްކުމެނިސްތާން އަދި ފަލަސްތީނެވެ.

މުބާރާތުގައި ރާއްޖެ މެޗް ކުޅޭ ދުވަސްތައް
މާޗް މަހުގެ އަށް ވަނަ ދުވަހު: ރާއްޖެ އާއި ތުރްކުމެނިސްތާން
މާޗް މަހުގެ 10 ވަނަ ދުވަހު: ނޭޕާލާއި ރާއްޖެ
މާޗް މަހުގެ 12 ވަނަ ދުވަހު: ރާއްޖެ އާއި ފަލަސްތީން