13 Dec 2020, 15:12
ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ޔުޓިލިޓީ ރެގިޔުލޭޓަރީ ބިލަކީ އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ކަންކަން އިންތިޒާމުކުރުމަށް އިދާރާއެއް އުފެއްދުމާއި، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، އަދި އާންމު ބޭނުންތަކުގެ ހިދުމަތްތަކާގުޅޭ ކަންކަން ރާވައި، ހިންގާނެ ގޮތުގެ އާންމު އުސޫލުތައް ކަނޑައަޅާފައިވާ ބިލެކެވެ.
މި ބިލުގެ މަގުސަދަކީ، އާންމު ބޭނުންތަކުގެ ހިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ހެޔޮ އަގެއްގައި، ހަރުދަނާކަމާއެކު އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގެމަތިން، ފޯރުކޮށްދެވޭ ހިދުމަތްތަކަކަށް ހެދުމެވެ. އަދި އެ ހިދުމަތްތަކަކީ އެފިޝަންޓް އަދި ތިމާވެއްޓާ ރައްޓެހި ހިދުމަތްތަކެއްގެ ގޮތުގައި ބައްޓަންކުރުމާއި، ރަނގަޅު ފެންވަރުގައި ދެވޭ ހިދުމަތްތަކަކަށް ހެދުމެވެ. މީގެ އިތުރުން ވެސް އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އާންމު އުސޫލުތައް ކަނޑައަޅައި، ތަންފީޒުކުރުމަކިވެސް މި ބިލުގެ މަގުސަދެކެވެ.
މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ.
އެ ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.