13 Dec 2020, 15:04
އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސްގައި ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ގާތުން ބަލައި ހައްލެއް ހޯދުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފި އެވެ.
އެތަނުގައި ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ ކަންތައްތަކަށް ހައްލު ހޯދައިދިނުމެއްނެތި ދަރިވަރުން ވަކިކުރަމުންދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އެންގުންތަކަށް ވެސް ނުބަލާ ކުދިން ވަކިކުރާ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓަރު އާއިޝަތު ނަހުލާ ވަނީ ދެއްވައިފަ އެވެ.
އެ މައްސަލައާ ގުޅިގެން މިއަދު އާދަމް ޝަރީފް ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައިވަނީ އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށާއި އެ ސްކޫލަށް ކުރިމަތިވެފައިވާ މައްސަލަތައް ގާތުން ބައްލަވައި، ދަރިވަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ނުގެއްލި، ދަރިވަރުންގެ ކޯސްތައް ފުރިހަމަ ކުރެވޭނެގޮތް ހަމަޖައްސައިދެއްވުމަށެވެ.
އަދި އެ މައްސަލައާ ގުޅޭ ފަރާތްތައް ޒިންމާދާރު ކޮށްދެއްވުމަށް މަޖިލީހުން މަސައްކަތް ކުރެއްވުމަށް އޭނާގެ ސިޓީގައި ވަނީ އެދިފަ އެވެ.
އައްޑޫ ފްލައިން ސްކޫލާ ގުޅޭގޮތުން ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ ދެ އަހަރުގެ ތެރޭގައި ފުރިހަމަ ކުރެވޭ ކޯސްތައް ނިންމުމުގައި ފްލައިން ސްކޫލުގައި އެކި ކަހަލަ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި މަގުބޫލު ސަބަބަކާ ނުލައި ދަރިވަރުން ވަކި ކުރަމުން ގެންދާ ވާހަކަވެސް އޭނާގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.
ފްލައިން ސްކޫލުގައި ހިންގާ ކޯސްތަކަކީ ނުހަނު އަގުބޮޑު ކޯސްތަކަކަށް ވާއިރު ޝެޑިއުލާ އެއްގޮތަށް ކޯހުގައި ކިޔަވައި ނުދިނުމުގެ ސަބަބުން ބައެއް ދަރިވަރުން ހަތަރު އަހަރު ވަންދެން ކޯސް ފުރިހަމަ ކުރުމުގައި ހޭދަ ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން ލޯނު ފަދަ ތަކެތި ނަގައިިގެން ތިބޭ ދަރިވަރުންނަށް އެކި ކަހަލަ ދަތިތަކާ ކުރިމަތިވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ފްލައިން ސްކޫލުން ކަންކަން ކުރަމުންދާގޮތުންނާއި އެ ސްކޫލުގެ ހާލަތަށް ބަލާއިރު ދަރިވަރުންނަށް އެ ސްކޫލުގައި ކޯސް ފުރިހަމަ ކުރެވޭނެކަމުގެ އުއްމީދު ގެއްލެމުން ދާ ކަމަށެވެ.
ފްލައިން ސްކޫލުގެ މައްސަލައިގައި މީގެ ކުރީން މަޖިލީހުގެ ރައީސް ނަޝީދު ވަނީ ރައްދެއް ދެއްވާފައެވެ. އެމަނިކުފާނު އަންގަވާފައިވަނީ އެ މައްސަލަ ބެލުމަށް މަޖިލީހަށް ސިޓީއެއް ފޮނުވުމަށެވެ. ރައީސް ނަޝީދު އެހެން ވިދާޅުވީ ދަރިވަރުންތަކެއް އެ މައްސަލައާ ގުޅިގެން ކަންބޮޑުވުންތައް ފާޅުކޮށް އިތުރަށް ކަންތައް ކުރަންވީ ގޮތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށް ސުވާލުކުރުމުންނެވެ.