ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗު 2020 ކާމިޔާބު ކުރުމަށްފަހު، ސުޕަ ޔުނައިޓަޑް ސްޕޯޓްސްއާ ދެކޮޅަށް ކްލަބް އީގަލްސް ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ މެޗު މިރޭ އޮންނާނެ އެވެ.

މިދިޔަ އަހަރުގެ ލީގް ޗެންޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް އީގަލްސް ކުޅުނު ފުރަތަމަ މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ ފަހަތުން އަރާ 3-2 ގެ ނަތީޖާއަކުންނެވެ. ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00 ކުޅެން ހަމަޖެހިފައިވާ ފުރަތަމަ ލީގު މެޗަށް ނިކުންނައިރު އީގަލްސް އޮތީ މެޗަށް ތައްޔާރަށް ކަމަށް އެ ޓީމްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ބުނެފަ އެވެ.

"މި ލިބުން ދުވަސްކޮޅަށް ބަލާފަ، ސީޒަން އޯޕަނިންގް މެޗުގައި ދެއްކި ކުޅުމަށް ބަލާފަ، އެބަ ޖެހޭ ކޮންމެ ގޮތެއް ވިޔަސް ފުރަތަމަ މެޗުގަ އަދި އެއަށްވުރެވެސް ރަނގަޅު ކުޅުމެއް ދެއްކޭތޯ ބަލަން. އެހެންވީމަ އެކަމަށް ވީހާވެސް ބޮޑަށް ތައްޔާރު ވެވޭތޯ ބެލީ މިވީ މަދު ދުވަސްކޮޅުގެ ތެރޭގަ،" މޯހަން ބުންޏެވެ.

މިދިޔަ ސީޒަންގައި އީގަލްސް ވަނީ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ މަގާމް ހާސިލްކޮށްފަ އެވެ. އެ ޓީމް 2019-20 ގެ ސީޒަންގައި ކުޅުނު 21 މެޗުގެ ތެރެއިން 13 މެޗު ކާމިޔާބުކޮށް، ހަ މެޗުން އެއްވަރު ވެފައި ވާއިރު ބަލިވެފައި ވަނީ ކުޅުނު އެންމެ ދެ މެޗުންނެވެ. ނަމަވެސް މާދަމާގެ މެޗަށް ނިކުންނައިރު އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަހުމަދު ރިޒްވާން ނުފެނިދާނެކަން މޯހަން ވަނީ ހާމަކޮށްފަ އެވެ.

"ސީޒަން އޯޕަނިންގް މެޗަށް ފަހު ދެ ކުޅުންތެރިއެއް މިއުޅެނީ ކުޑަކޮށް އިންޖަރީގައި. އަދި ޕްރެކްޓިހުގަ އެކީ ބައިވެރިއެއް ނުވެވޭ. އެއީ ރިޒްވާން އާއި ހަންނަ،" ހޮނިހިރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޯހަން ބުންޏެވެ.

"ޝައްކެއްވެސް ނެތް ދެއްތޯ، ރިޒޭ އަކީ މިހާރު ރާއްޖޭގަ ހުރި އެންމެ މޮޅު ކުޅުންތެރިޔާއޭ ބުންޏަސް ހަގީގަތުގަ ގޯހަކަށް ނުވާނެ... އެވަރު ކުޅުންތެރިއެއް ނެތްތަން ފޫބައްދާކަށް ފަސޭހައެއް ނުވާނެ. އަޅުގަނޑުމެން ކުރިން ފާހަގަ ކުރިގޮތަށް އެތަންތަން ޓީމެއް ގޮތުގަ މަސައްކަތް ކުރަން ޖެހޭނީ ފޫބެއްދޭތޯ. އަދި ކުޅެވޭ، ނުކުޅެވޭ ނޭންގެ ސީދާ ނިންމާކަށް، މިއަދުގެ ޕްރެކްޓިހަށް ފަހު އަޅުގަނޑުމެން ގޮތެއް ނިންމާނީ."

އީގަލްސްއިން ދިވެހި ލީގާ ކުރިމަތިލާއިރު، އެ ޓީމުގައި އަދި ބިދޭސީ ކުޅުންތެރިއެއް ނެތްކަންވެސް އެއީ ފާހަގަ ކުރެވޭ ކަމެކެވެ. އީގަލްސްއަށް މިއަހަރުތެރޭ ބިދޭސީ ކުޅުންތެރިން އިތުރުވެދާނެ ކަމުގެ އިޝާރާތެއް މޯހަން ދީފައިވީ ނަމަވެސް، ލީގުގެ ދެތިން މެޗު ހަމައެކަނި ދިވެހި ކުޅުންތެރިންނާއެކު ކުޅުމަކީ ލިބޭ ހިންހަމަޖެހުމެއް ކަމަށް މޯހަން ވަނީ ބުނެފަ އެވެ.