ށ. ފޭދޫ ސްކޫލްގެ ކުރީގެ އިމާރާތުގައި އަލިފާން ރޯވެ އަނދައިފި އެވެ.

ފޭދޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ޝާމިރު "ސަން" އަށް ވިދާޅުވީ ރަށުގެ ސްކޫލުގެ ކުރީގެ އިމާރާތެއްގައި އަލިފާން ރޯވީ މިއަދު 11:00 ހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބިފައިވަނީ އާންމުންގެ ފަރާތުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަލިފާން ނިއްވާލުމަށް އެތަނަށް ދިޔައިރު ވަރަށް ބޮޑަށް އަލިފާން ރޯވެފައި ހުރިއިރު އެ އަލިފާނުގެ އެ އިމާރާތް އެއްކޮށް އަނދާ ހުލިވި ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު މަސައްކަތް ކުރަމުންދަނީ ކުޑަކޮށް ހުރި އަލިފާންކޮޅުތައް ނިއްވުމުގެ މަސައްކަތް ކަމަށް ޝާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އިމާރާތަކީ ފޭދޫ ސްކޫލު ކުރިން ހުންނަ ތަނުގައި ހުރި އިމާރާތެއް ކަމަށެވެ. އަދި އެ އިމާރާތް ހުރީ އެހެން އިމާރާތްތަކާ ވަކިން ކަމަށާއި މިއަދަކީ ވައި މަޑު ދުވަހަކަށް ވުމުގެ ސަބަބުން އެހެން ހިސާބަކަށް އަލިފާނުގެ އަސަރުކޮށްފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެކަމާ ގުޅޭގޮތުން ފޭދޫ ސްކޫލުން ބުނެފައިވަނީ އަލިފާން ރޯވެފައިވަނީ ކުރީގެ ދެ ކްލާސް ރޫމެއް ހުރި އިމާރާތެއްގައި ކަމަށެވެ. އާ ސްކޫލަށް ބަދަލުވި ނަމަވެސް އެ ސްކޫލުގައި ޖާގައިގެ ދަތިކަން ހުރިގޮތުން ކުރީގެ ސްކޫލު ބޭނުން ކުރަމުން ދިޔައީ ހޯލެއްގެ ގޮތުގައި ކަމަށް ސްކޫލުން ބުނެ އެވެ.

އަލިފާން ރޯވެފައިވަނީ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދިޔަ އިމާރާތެއް ކަމަށް ސްކޫލުން ބުނެފައިވެ އެވެ. އެތަނުގައި ހުރީ ބާ ޑެސްކުތައް ފަދަ ތަކެތި ކަމަށް ސްކޫލުން ބުންޏެވެ.

އަލިފާންގަނޑު މިހާރު ކޮންޓްރޯލުކޮށްފައިވާއިރު އިމާރާތް އެއްކޮށް ހަލާކުވެ ބޭނުން ނުކުރެވޭ ވަރު ވެފައިވާ ކަމަށް ވެސް ސްކޫލުން ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއެއްގައި ހއ. ގައި ހިންގާ ޖޭއޭ މަނަފަރު ރިސޯޓުގެ އިންޖީނުގޭގައި ރޯވެ ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.