24 Jan 2012, 21:22
ބްރަސަލްސް (ޖަނަވަރީ 24): އީރާނުގެ ތެޔޮގަތުން ހުއްޓާލުމަށް އުސޫލެއްގެ ގޮތުން ޔޫރަޕްގެ އިއްތިހާދުން އެއްބަސްވެއްޖެ އެވެ.
ބްރަސަލްސްގައި ބޭއްވި ބައްދަލުވުމެއްގައި ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން މިއަދު އެއްބަސްވީ މަރުޙަލާތަކަކަށް ބަލާލައިގެން އީރާނުން ތެޔޮގަތުން މުޅިން ހުއްޓާލުމަށެވެ. މިގޮތުން ޔޫރަޕްގެ ކުންފުނިތަކުން އީރާނާ އެކު ތެލާއި ގޭހުގެ އިތުރު އެއްބަސްވުންތަކުގައި ސޮއިކުރުން މިހާރުން މިހާރަށް މަނާކުރުމާއި މިހާރު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ މުއްދަތު ހަމަވުމުން އެއެއްބަސްވުންތައް އިތުރު ނުކުރުމަށެވެ.
ނަމަވެސް އީރާނުގެ ތެލަށް ބަރޯސާވާ ޔޫރަޕްގެ ބައެއް ޤައުމުތަކަށް ގެއްލުން ލިބިދާނެތީ އީރާނުގެ ތެލާ ދުރަށްދިޔުމަށް ޓަކައި އެޤައުމުތަކަށް މުއްދަތެއް ދިނުމަށް ބްރަސަލްސްގެ ބައްދަލުވުމުން ނިންމި އެވެ.
މިއީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމަށް އެޤައުމަށް މަޖްބޫރު ކުރުވުމުގެ ގޮތުން ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުން އެޅި ވަރަށް ހަރުކަށި ފިޔަވަޅެއް ކަމަށް އެ އިއްތިޙާދުގެ މަސްއޫލުވެރިއަކު ވިދާޅުވި އެވެ. ޔޫރަޕުން އީރާނާ ދެކޮޅަށްއެޅި މިފިޔަވަޅުގެ ފަހަތުގައި ވަނީ އެމެރިކާ އާއި ހުޅަނގުގައި ނުފޫޒު ގަދަ ދައުރެއް އަދާކުރާ ޔަހޫދީ ހަރުކަށި ޒަޔަނިސްޓް ޖަމާއަތްތައް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
ޔޫރަޕްގެ އިއްތިޙާދުން މިފިޔަވަޅު އެޅިނަމަވެސް ޔޫރަޕްގެ އިޤްތިސާދު މިހާރުއޮތް ދެރަވަރު ޙާލަތުގެ ސަބަބުންނާއި ޔޫރަޕްގެ އިޤްތިސާދުގެ ކުރިމަގު އުޖާލާވަމުން ނުދާތީ މިއެއްބަސްވުން އެދެވޭ ގޮތުގައި ތަންފީޒުކުރަން އޭގެތެރެއިން ގިނަޤައުމުތަކަށް ދަތިވާނެ ކަމަށާއި ނަމަވެސް މިފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ވެސް ކައިރި މުސްތަޤްބަލެއްގައި ބޮޑެތި ދަތިތަކެއް ތަޙައްމަލް ކުރަން ޖެހޭނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.
ދުނިޔޭގެ އިޤްތިސާދީ ބޮޑެތި ބާރުތަކަށް ވުމުގެ މަގުމަތީގައިވާ ޗައިނާ، އިންޑިޔާ، ބްރެޒިލް، ރަޝިޔާ، ދެކުނު ކޮރެޔާ، ތުރުކީ، އާރޖެންޓީނާ، ދެކުނު އެފްރިކާ އަދި އިންޑޮނީޝިޔާ ފަދަ ޤައުމުތަކުގެ އެއްބާރުލުން ނުލިބި ހަމައެކަނި ހުޅަނގަށް އީރާނުގެ އިޤްތިސާދު އިނދަޖައްސައި ނުލެވޭނެ ކަމަށާއި ޔޫރަޕްގެ މިފިޔަވަޅުތަކުގެ ގެއްލުން ޚުދު ޔޫރަޕަށް ވެސް ކުރާނެކަމަށް ގިނަ ތަޖްރިބާކާރުން ލަފާކުރައްވަ އެވެ.
އެމެރިކާ އާއި ޔޫރަޕުން އީރާނާ ދެކޮޅަށް ޢަސްކަރީގޮތުންނާއި ޢިލްމީ ގޮތުން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާތާ 30 އަހަރުތެރޭގައި އީރާން ވަނީ ޢަސްކަރީ ގޮތުންނާއި ހަތިޔާރުގެ ސިނާއަތުގައާއި ސައެންޓިފިކް ރީސާޗާއި ފަޒާގެ ދާއިރާ ފަދަ ޢިލްމީ އަދި ސިނާޢީ ދާއިރާތަކުގައި ސަރަޙައްދީ ބާރަކަށް ވެފަ އެވެ. (ނޫސްއެޖެންސީތައް)