13 Dec 2020, 12:12
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ބަލިވެ، ލީގު ތާވަލްގެ އެއްވަނަ މަގާމަށް ޖެހިލުމުގެ ފުރުސަތު ޗެލްސީއަށް ގެއްލިއްޖެ އެވެ.
ރޭގެ ނަތީޖާއަށް ފަހު ލީގުގައި މިހާތަނަށް އެ ޓީމް ހޯދި 22 ޕޮއިންޓާއެކު ޗެލްސީއަށް ވަނީ ތާވަލްގެ ތިންވަނައިގައި މަޑުކޮށްލަން ޖެހިފަ އެވެ. ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން 4 މެޗުން އެއްވަރުވެ ދެ މެޗުން ބަލިވެފައި ވާނަމަވެސް، އެ ޓީމް ވަނީ ޗެންޕިއަންސް ލީގުގައި އެއްވެސް މެޗަކުން ބަލިނުވެ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ.
ރޭގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު އެވަޓަންއަށް ކާނިޔާބުވީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި އެ ވަޓަންއަށް އެ ޕެނަލްޓީ ލިބިގެން ދިޔައީ ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ އެވަޓަންގެ ޑޮމިނިކްއަށް ކުރި ފައުލަކުންނެވެ. އެ ޕެނަލްޓީ އެވަޓަންއަށް ކާމިޔާބުކޮށްދިނީ ސިގާޑްސަން އެވެ.
މެޗުގައި ޗެލްސީން ބޯޅަ ހިފައްޓައިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމަށް ވަނީ އެވަޓަންގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދޭ ގޮތް ނުވެފަ އެވެ. ނަމަވެސް އެވަޓަން ލީޑު ނެގުމުން ޗެލްސީން އުފެއްދި ހަމަލާއެއްގައި ރީސް ޖޭމްސް ފޮނުވާލި ބާރު ޝޮޓް ވަނީ ގޯލްގެ އަރިމަތީ ދަނޑިއަށް އަމާޒުވެފަ އެވެ. އަދި ކަރޓް ޒޫމާ ބޮކްސް ތެރެއިން ރަނގަޅު ޝޮޓެއް ނެގި ނަމަވެސް، އެ ބޯޅަ އަމާޒުވެފައި ވަނީ ސީދާ އެވަޓަންގެ ހުށިޔާރު ކީޕަރުގެ އަތަށެވެ.
ދެވަނަ ހާފް ފެށިގެން ފުރަތަމަ ވަގުތުކޮޅު އެވަޓަންއަށް ވަނީ ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ސިގާޑަސަން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ކަނަށް އަމާޒުނުވެ ބޭރަށެވެ. ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ޗެލްސީއިން މެޗުގެ ނަތީޖާ އެއްވަރު ކުރަން އިތުރަށް މަސައްކަތްކޮށްފައި ވާނަމަވެސް، މެޗުގެ ތިން ޕޮއިންޓް ހޯދާފައި ވަނީ އެވަޓަންއިންނެވެ.