13 Dec 2020, 10:59
ބޭންކް އޮފް މޯލްޑިވްސްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކޮށް ބޭނުންކުރަން ފަށައިފިއެވެ.
އެ ރަށުގެ ގިނަ ރައްޔިތުން މިހާރުވެސް ދަތުރު ދިއުމަށް ބޭނުން ކުރާ ސަރަހައްދު މިހާރު ވަނީ ހިޔާވާނެ ގޮތަށް އަތިރިމަތީގައި ކުޑަ ޖަހައި، ހަޓް ހަދައި، ޖޯލިފަތި ބަހައްޓައި، އުނދޯލި ގެއެއް ވެސް ހަދައި، އެތަނަށް ދާ މީހުންނަށް ހިތްހަމަ ޖެހިލައިގެން ތިބެވޭނެ ގޮތަށް ހަދައިފައެވެ.
މީގެ އިތުރުން ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަނެއް އަދި ކަސްރަތު ކުރުމަށް ހާއްސަ ތަނެއްގެ އިތުރުން ރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ވަޅެއް ވެސް ވަނީ ބަހައްޓައިފައެވެ.
އެސަރަހައްދު އިތުރަށް ފެހިކުރުމަށްޓަކައި 30 ރުކާއި އިތުރު ގަސްވެސް އިންދާފައިވާއިރު ތުނޑިއަށް ދަތުރު ދާ ފަރާތްތަކުން ކުނި އުކާލުމަށް ޑަސްބިންވެސް ބަހައްޓާފައި ވެއެވެ.
ކޮމިޔުނިޓީ ފަންޑުގެ އެހީގައި އެ މަސައްކަތް ކުރި ކަނޑޫ ސްޕޯޓްސް ކްލަބުން ބުނީ ރަށުގެ ތުނޑި ޕިކްނިކް ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އާއިލީ އަދި އެކުވެރިކަމުގެ ގުޅުންތައް ބަދަހިކޮށް އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ. އަދި މުސްތަގުބަލުގައި އެތަން އިތުރަށް ތަރައްގީކޮށް އަވަށްޓެރި ރަށްތަކުގެ ރައްޔިތުންނަށްވެސް އެ ސަރަހައްދު ބޭނުން ކުރެވޭނެހެން ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދެވިފައެވެ.