ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ބޭރުގައި ލާފައި ހުރި ކުލަ ފޭދި، ފަނޑުވެފައިވާތީ ކުލަ ލުމުގެ މަސައްކަތް ކުރާ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 25 ބުރީގެ 16 ޓަވަރުގެ ބޭރުގައި ކުލަ ލާފައި ހުއްޓައި އަލުން އެ ކުލަ މަތިން ކުލަ ލާތީ އެކަމަށް ސޯޝަލް މީޑިއާގައި ވަނީ ފާޑުކިޔައިފަ އެވެ. އެއީ އިސްރާފު ކަމަށް އެއް ބަޔަކު ބުނި އިރު ކުލަ ލުމުގެ މަސައްކަތަކީ ސަރުކާރުގެ މަޝްރޫއެއްތޯ ބުނެ ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ.

ހިޔާ ފްލެޓުތަކުގެ ބޭރުގައި ރަތް ކުލަ، ބައެއް ފްލެޓުތަކުގެ ބޭރުގައި ނޫކުލަ، ފެހިކުލަ އަދި އޮރެންޖު ކުލަ އަކާއި ދަނބު ކުލަ އެއް ލާފައި ހުރެ އެވެ. އޭގެ ތެރެއިން އަލުން ކުލަ ލާން ފަށާފައި ވަނީ އޮރެންޖު ކުލަ ލާފައި ހުރި ފްލެޓުތަކުގެ ބޭރުގަ އެވެ. އަދި އަލުން ލަނީ ވެސް އޮރެންޖު ކުލަ އެވެ. އެޗްޑީސީ އިން ބުނީ އެންމެ ފުރަތަމަ އެތަނުގައި ކުލަ ލާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ.

ނަމަވެސް ކުލަ ފަނޑުވާން ފެށުމުން އަނެއްކާ ވެސް އެ ބްލޮކްގެ ބޭރުގައި ކުލަ ލާން ފަށާފައިވާ ކަމަށާއި މަސައްކަތް ކުރަނީ ކޮންޓްރެކްޓަރު ކަމަށް އެޗްޑީސީ އިން ބުންޏެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓު އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ.

މަޝްރޫއުގެ ޖުމްލަ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ، 434 މިލިއަން ޑޮލަރު (6.6 ބިލިއަން ރުފިޔާ) އެވެ.

މި ފްލެޓުތައް ހަވާލު ކުރުމަށް، ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްތު މި މަހުގެ ނިޔަލަށް ކަނޑައެޅޭތޯ މަަސައްކަތް ކުރަމުންދާ ކަމަށް ފްލެޓުތަކުގެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ފްލެޓުތަކުގެ ބޭރުގައި ލާފައިވާ ކުލަ އާކުރަމުންދާއިރު، ފްލެޓުތައް އޭގެ ހައްގުވެރިންނާ ހަވާލުކުރާއިރު އެތެރޭގެ ދޮރު ހަރުކޮށްފައި ނުހުނާނެ އެވެ. މީގެ އިތުރުމުން މުށިޖެހުމާއި އެތަނުގެ ތެރެގައި ބޮކި ފަންކާ ހަރުކުރުން ފަދަ ކަންތައް ކުރަން ޖެހޭނީ ފްލެޓު ލިބޭ މީހުން އަމިއްލަ އަށެވެ. އެއީ ކޮންޓްރެކްޓުގައި ހިމެނޭ ކަމެއް ނޫން ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ. ފިނިޝިންގެ މަސައްކަތް ކުރަން އޮތީ ސަރުކާރުން ބޭނުންވެއްޖެ ނަމަ ވަކިން ފައިސާ ދައްކައިގެން ކަމަށާއި، ނަމަވެސް އެކަމަށް އިތުރު ލޯނެއް ނަގަންޖެހޭތީ، ފިނިޝިންގެ މަސައްކަތް ނުނިންމާ ފްލެޓު ހަވާލުކުރަން ނިންމީ ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.

އެޗްޑީސީ އިން ބުނީ ފްލެޓުތަކުގެ ބޭރުގައި ކުލަ ލުމުގެ މަސައްކަތް ކޮންޓްރެކްޓަރު ކުރަނީ ކޮންޓްރެކްޓާ ލައިބިލިޓީ ޕީރިއަޑް އަދި ހަމަނުވާތީ ކަމަށެވެ. އަދި އެ މަސައްކަތުގެ ހަރަދު ކުރާނީ ކޮންޓްރެކްޓަރު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.